ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ޢައްޔަން ކުރައްވައިފިއެވެ.
އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމާއި ޙަވާލުކޮށްދެއްވާފައެވެ.
އޭނާ މި މަގާމަށް އައްޔަންކުރީ ކުރީ ޖޭއެސްސީގައި ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރަކީ ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލެ ސިޓީ ކައުންސިލުގެ ގާނޫނީ ވަކީލެވެ.