ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވައުދުވެވަޑައިގެންފި އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް ނެރުއްވި ވީޑިއޯއެއްގައި ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
މީކާއީލް ވިދާޅުވީ، ޕާޓީގެ މިހާރުގެ މާލީ ހާލަތު ބަލިކަށިވުމުގެ ސަބަބުން މި ނިމުނު ކައުންސިލްގެ އިންތިޚާބުގެ ފީތައް ކެންޑިޑޭޓުންނަށް ދެއްކިފައިނުވާ ކަމަށެވެ. އަދި މައިގަނޑު އަމާޒަކީ ޕާޓީގެ މާލީ މެނޭޖްމަންޓް ވަރުގަދަކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޕާޓީއަކީ މާލީގޮތުން ތަނަވަސް އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޕާޓީއަކަށް އެމްޑީޕީ ހެދުން ކަމަށް މީކާއީލް ވިދާޅުވި އެވެ.
މީގެ އިތުރުން މީކާއީލް ގެންދަވަނީ އިތުބާރުގެ ނަމުގައި މުޅި ރާއްޖޭގައި ކެންޕޭން ކުރައްވަމުންނެވެ.
މީކާއީލް ވިދާޅުވީ އިންތިޚާބެއްގެ ނަތީޖާ ނުކުންނަ ގޮތުން އެމްޑީޕީގައި ދެމި ތިބޭނެތޯ ޕާޓީގެ އާއްމު މެންބަރުން ވަރަށް ގިނައިން ސުވާލު ކުރަމުންދާ ކަމަށާއި، އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި މިއަދު އެ ސުވާލު އުފައްދަނީ އެސުވާލުތައް އުފަދައްދާނެ ޖާގަ އޮތުމުން ކަމަށާއި، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ކަމަށެވެ.
ނަމަވެސް ކޮންމެ ގޮތަކަށް ނަތީޖާ އައިކަމުގައި ވީ ނަމަވެސް އަބަދުވެސް އެމްޑީޕީގައި ދެމިތިބޭނެ ކަމަށާއި، ޕާޓީއަށް ޚިދުމަތް ކުރުމުގައި ދެމިތިބޭނެކަމާއި، ޕާޓީ ކުރިއެރުވުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މީކާއީލް ދެއްވި އެވެ.