ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ދިވެހީންނަށް ލަންކާ ފުލުހުން މެދުވެރިކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ލަންކާ ފުލުހުންނާއި، އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި-ކޮމިޝަން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. 

މި މައްސަލައާ ގުޅިގެން އަމިއްލަ ފަރާތަކުން ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ބުނެފައިވަނީ، ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ލަންކާގައި ހުންނަ ރާއްޖޭގެ ހައި-ކޮމިޝަނުން މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައި-ކޮމިޝަނުން މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގައި ރައީސް ބައިވެރިވެވަޑައިގެންނެވި ރިސެޕްޝަނަށް އެއްވެސް ފަރާތަކުން ދިޔުމަށް ހުރަސް އެޅުމަށް ނުވަތަ އެފަދަ އެއްވެސް ކަމަކަށް ހައި-ކޮމިޝަނުގެ ފަރާތުން ލަންކާގެ ޕޮލިސްގައި ނުވަތަ އެހެން އިދާރާއެއްގައި ވެސް އެދިފައިނުވާ ކަމަށް ބުނެފައިވެ އެވެ. 

ފޮރިން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ރަނާ ހުސެއިން ޝިހާމް ސޮއި ކުރައްވައި ފޮނުވާފައިވާ ޖަވާބުގައި އިތުރަށް ބުނީ، ހުށަހަޅާފައިވާ މައްސަލައިގައި ލަންކާގައި ރައީސް ބައިވެރިވެވަޑައިގެންނެވި ރިސެޕްޝަނަށް ނުދިއުމަށް ލަންކާ ފުލުހުން މަޖުބޫރުކޮށް ބަޔާން ނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާތީ އެކަމާގުޅޭ މައުލޫމާތު ލަންކާގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދައުވަތަކަށް، ރައީސް މުއިއްޒު އެގައުމަށް މިމަހުގެ 3ން 6 ށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި އެވެ. މިދަތުރުފުޅުގައި ދިވެހިންނާއި ބައްދަލުކުރާ ދުވަހު އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެ ކަމަށް ބެލެވޭ ދިވެހީން ރައީސްގެ ބައްދަލުވުމަށް ނުދިއުމަށް އަންގާ ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހީން ދިރިއުޅޭ ތަންތަނަށް ލަންކާގެ ފުލުހުން ފޮނުވައިގެން ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ފެންމަތިވެގެން ދިޔަ އެވެ. އަދި މިމައްސަލަ ސަރުކާރުން ބަލާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 7 މެއި 2026 ގައި ވިދާޅުވެފައިވެ އެވެ. 

މުންދު ވިދާޅުވީ، ސަރުކާރުން ނުވަތަ ރައީސް އަންގަވައިގެން ވަކި ބަޔަކު ރައީސްގެ ބައްދަލުވުމަށް އައުމަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.