ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކިނުކުރެވޭނެ
ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން
ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް
ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ދިވެހިރާއްޖެއިން ބަލައިގަންނަ ކަމަށެވެ.
އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ ރާއްޖެއިން ގެންގުޅެމުން
އަންނަ ދިގު މުއްދަތުގެ ސިޔާސަތެއްކަންވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެކުވެރި ދައުލަތްތައް
ނުވަތަ އދ. ގެ އާންމު މަޖިލީހުގެ ގަރާރާއި ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކާ އެއްގޮތްވާ
ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށް ރާއްޖެއިން
ގަބޫލުކުރާ ކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުގެ ތެރޭގައިވެސް،
ރާއްޖެއިން މި ނިންމުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން
ވަނީ ދީފައެވެ.
މީގެ އިތުރުން، ޗައިނާއާއެކު އޮތް ޒަމާންވީ ވަރުގަދަ
ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިސްކަންދޭ ކަމަށްވެސް
މި ބަޔާނުގައި ބުނެފައިވެއެވެ. ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޗައިނާއިން
ފޯރުކޮށްދެމުންދާ އެހީތެރިކަން ދިވެހި ސަރުކާރުން ނުހަނު އުފަލާއެކު ބަލައިގަންނަކަންވެސް
ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، ދެ ގައުމުގެ
ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ބިނާވެގެންދާނީ ސަރަހައްދީ ހަމަޖެހުމާއި،
ސުލްހަ މަސަލަސްކަމުގެ އިތުރުން ދެ ގައުމަށް ފައިދާހުރި ކަންކަމުގެ މައްޗަށެވެ. އަދި
ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އުންމީދުކުރާ
ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.