ބަރުދަން ލުއި ކުރުމާއި، ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުން ކުރާ ބޭހާއި އަދިވެސް އިތުރު ބަލިތަކަށް ބޭނުންކުރާ ތަފާތު 21 ބޭހެއް ލިސްޓުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަނެއްކާ ވެސް އިންޒާރެއް ދީފި އެވެ. 

މިފަހަކަށް އައިސް ރާއްޖޭގައި ހުއްދަ ނެތި ބޭސް އެތެރެކޮށް ވިއްކާ  މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އޮންލައިން ޕޭޖުތަކުން ވެސް ތަފާތު ބޭސްތައް ދަނީ ވިއްކަމުންނެވެ. 

މި މައްސަލައާ ގުޅިގެން އެމްއެފްޑީއޭއިން ބުނީ، ބޭހާއި ބެހޭ ގަވާއިދާއި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ބޭސް އިމްޕޯޓު ކުރެވޭނީ އެ އޮތޯރިޓީގައި ބޭސް އިމްޕޯޓު ކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ވެެގެން ކަމަށާއި، އިމްޕޯޓު ކުރާ ބޭސްތަކަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އުސޫލާއި އެއްގޮތަށް ރަޖިސްްޓްރީ ކޮށް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަށް ވާން ޖެހޭ ކަމަށެވެ.

ނަމަވެސް ބޭސް އެތެރެކުރުމުގެ ހުއްދަނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް، ރާއްޖެއަށް އިމްޕޯޓުކޮށް އެކިއެކި އޮންލައިން ފްލެޓުފޯމު ތަކުގައި އަދި އާދައިގެ ފިހާރަތަކުގައި ވެސް މިފަދަ ބޭސްތައް ވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި މިފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވަތްތަކެއް ނޫން ކަމަށާއި،  ރަޖިސްޓްރީ ނުކުރާ މިފަދަ ބާވަތްތަކަކީ އެއްވެސް ގޮތަކަށް އޭގެ ފެންވަރާއި، ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫން ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެހެންކަމުން މިފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. 

މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނީ، މިގޮތަށް ރަޖިސްޓްރީ ނުކޮށް އިމްޕޯޓުކޮށް އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި އެންމެ ގިނައިން ވިއްކަމުން ގެންދާ ކަމަށް މިވަގުތު ފާހަގަ ކުރެވިފައިވާ 21 ބޭސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

މި ލިސްޓުގައި ތަދު ކެނޑުވާ މޫވް ބޭސް، ހަންގަނޑު އަލި ކުރުމަށް ބޭނުން ކުރާ ބޭހެއްގެ އިތުރުން، ބަރުދަން ލުއި ކުރުމަށާއި، އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުން ކުރާ ބޭހެއް ހިމެނެ އެވެ. މީގެ އިތުރުން ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ އެކިއެކި ބޭސްތައް ވެސް ލިސްޓުގައި ހިމަނާފައިވެ އެވެ. 

އެމްއެފްޑީއޭއިން ބުނީ، ހުއްދަނެތި ބޭސް އިމްޕޯޓުުކޮށް ވިއްކާ އަދި އިޝްތިހާރު ކުރާ އޮންލައިން ފްލެޓްފޯމްތައް އަދި އާދައިގެ ފިހާރަތަކަށް ބޭހާއި ބެހޭ ގަވާއިދާއި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. 

ރާއްޖޭގައި ހުއްދަ ނެތި ބޭސް އެތެރެކޮށް ވިއްކާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަައިވާއިރު، މިދިޔަ ޖެނުއަރީ މަހާއި، އޭޕްރީލް މަހުގެ ތެރޭގައި ވެސް މިފަދަ ވިޔަފާރި ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމްއެފްޑީއޭއިން އިންޒާރު ދީފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށް މި މައްސަލަ ހައްލު ކުރުމަށްޓަކައި އިންޒާރު ނެރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައިނުވެ އެވެ.