މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 07:00 އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށާއި، ވިލިމާލެ ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ވިލިގިލި ބޯޅަދަނޑުގައި ކަމަށެވެ. އަދި ހުޅުމާލެ ފޭސް-1 ގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ސިންތަޓިކް ޓްރެކްގައި ކަމަށްވާއިރު، ހުޅުމާލެ ފޭސް-2 ގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ކުޅިވަރު އެކުވެނި / ސްޕޯޓްސް ކޮމްޕްލެކްސްގައި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭގެ 17 މިސްކިތަކާއި، ވިލިމާލޭގެ 2 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ. އަދި ހުޅުމާލެ-ފޭސް1 ގެ 5 މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ ދެ މިސްކިތުގައި އީދު ނަމާދު ކުރާނެ ކަމަށެވެ. 

ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދުކުރާ ސަރަހައްދުތައް އެވަގުތަށް އާއްމު އުޅަނދުތަކަށް ބަންދުވާނެ އެވެ. 

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާއިރު، މިކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެ އެވެ.

އީދު ނަމާދު ހުޅުވިފައިވާ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި ކުރުމަކީ ސުންނަތެކެވެ. ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރު އެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 27 މެއި 2026  އެވެ.