ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު
ކަމަށާއި، ޖަލަށް ލާފައިވާ ނޫސްވެރިންކަމަށްވާ މުޙައްމަދު ޝަހުޒާންއާއި، ލީވާން
އަލީ ނަސީރު ވަގުތުން ވަގުތުން ދޫކޮށްލުމަށް ގޮވާލާކަމަށް ޝަހުޒާންގެ ބައްޕަ،
އަހުމަދު ޝާޒް (ތަޖޫބެ) ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝާޒް ވިދާޅުވީ، އޭނާއަކީވެސް ޤާނޫނު ތަންފީޒު
ކުރުމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން އުޅެފައިވާ ފަރާތެއް ކަމަށާއި،
ޤާނޫނަކީ އެންމެންނަށް ހަމަހަމަވާން ޖެހޭ އެއްޗެއްކަން އޭނާއަށްވެސް ސާފު
ކަމަށެވެ. އަދި ވިދާޅުވީ، ކޯޓު އަމުރެއް ނެރެފައި އޮތްއިރު، އެ އަމުރަކީވެސް ހަމަހަމަކަމާއެކު
ތަންފީޒުކުރަންޖެހޭ އަމުރެއް ކަމަށެވެ.

މީގެ އިތުރުން، ނޫސްވެރިޔާ ޝަހުޒާން ކޯޓު އަމުރާ
ޚިލާފުވިކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި
ވަގުތުން ކަނޑައަޅުއްވައި، ނޫސްވެރިޔާވެސް ވަގުތުން އެތަނުން ނެރެލި މަންޒަރަކީ
ލަދުވެތި މަންޒަރެއްކަން ފާހަގަ ކުރައްވައި ޝާޒް ވިދާޅުވީ، އެހާ ކެތްތެރިކަން ކުޑަ
ބޭފުޅަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

  ހަގީގަތުގައި އަޅުގަނޑު ލަދުގަތޭ އެ ދުވަހު އެބޭފުޅާ އުޅުއްވި ގޮތުން، އެބޭފުޅާ ފުރަތަމައިނުންވެސް ޙުކުމް ކުރެއްވީ، ޝަހުޒާން ތިހުރީ ކުށްވެރިވެފައޭ، އަމުރާ ޚިލާފުވެފައޭ، އެބޭފުޅާއަކަށް ނުނިންމެވޭނެ، ދެން ވީ ގޮތަކީ ޝަހުޒާން ބޭރަށް ނެރެން އަމުރެއް ކުރަނީ، އެވަގުތުކޮޅުވެސް ކެތްކޮށް ނުލެވުނު، އެހެންވީމާ އެހާ ކެތްތެރިކަން ކުޑަ ބޭފުޅަކަށް ވެރިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ހަގީގަތުގައިވެސް ހީކުރީ ޑރ މުއިއްޒު ވަޑައިގެންނެވީމާ އެއީ ޑރ މުއިއްޒުކަމަށް، ވަރަށް ބޮޑު ތަރައްޤީއެއް ގެންނަވާނެކަމަށް، ރަނގަޅު ބޭފުޅުން ލައްވާނެކަމަށް، ކެބިނެޓުވެސް ވަރުގަދަވާނެ ކަމަށް، އެހެނެއް ނޫން ވީކީ، މުޅި ލައިފްގަ އަޅުގަނޑުމެން ނުދެކެން މިހާ ދަށްކޮށް ދާ ވެރިކަމެއް، މިހާ ކޮރަޕްޓް އަނިޔާވެރި ވެރިކަމެއް، ވިދާޅުވެދާނެ ޝަހުޒާން ޖަލަށް ލީމައޭ.
ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ)

ޝާޒް ވަނީ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް
ސަރުކާރަށް ގޮވާލާފައެވެ. އަދި ނޫސްވެރިންގެ ބޮލަށާއި ލޮލަށް ނޭރުމަށް
އެދިލައްވައި ޝާޒް ވިދާޅުވީ، ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށެވެ.

  ޝަހުޒާންއާ ލީވާން މިހާރުން މިހާރަށް ދޫކޮށްލާށޭ، ހަމައެއާއެކު، ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ހާނިކަ ނުކުރައްވާށޭ، ނޫސްވެރިކަން ކުރިޔަދޭށޭ، ނޫސްވެރިން ބޮލަށް ލޮލަށް ނާރާށޭ، އެމީހުންނާ ނުބެހޭށޭ، އެމީހުންނަކީ ހަގީގަތުގައި ޤައުމުގެ މޫނުބަލާ ލޯގަނޑޭ، ބުރަކަށީގައި ހުންނަ އެއްޗެއް ފުރަގަހުގައި ހުންނަ އެއްޗެއް ނުފެންނާނެއޭ އެމީހާއަކަށް، ނޫސްވެރިޔާ ބުނާނެ ބުރަކަށީގައި އެބައިނޭ ކިލާކޮޅެއް، އެ މަސައްކަތް އެ ކުރަނީ.
ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ)

ޝާޒް އިތުރަށް ވިދާޅުވީ، ސުވާލެއް ކޮށްގެން ނުވަތަ
ޚަބަރެއް ޖަހައިގެން ޖަލަށް ލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، އެ
ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ. އަދި ވިދާޅުވީ، ޝަހުޒާންއާމެދު
ފަޚުރުވެރިވާ ކަމަށާއި، އޭނާއަކީ ކަންކަން ދިރާސާކޮށްގެން، ތައްޔާރުވެގެން
ނޫސްވެރިންގެ ބައްދަލުވުމަށް ދާ ނޫސްވެރިއެއް ކަމަށެވެ.