ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރޝިޕްގެ ބެޓަން އައު ޖީލަށް ފޯރުކޮށްދޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި ބޭއްވި "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި އެ ޕާޓީން ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ތިން ބޭފުޅުންނާއި، މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ތިން ބޭފުޅުން އުފައްދާފައިވާ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ޗެއަރޕާސަންކަމާއި ލީޑަރުކަން ކުރެއްވި އެތައް ސިޔާސީ ޝަހުސިއްޔަތުންނެއް އެމްޑީޕީން ނެރެދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެގޮތުން ޕާޓީގެ އިސް މަގާމުތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުންގެ ނަންތައް ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ އިބްރާހީމް އިސްމާޢީލް، ޑރ. އިބްރާހީމް ދީދީ، ޑރ. މުހައްމަދު މުނައްވަރު، މާރިޔާ އަހުމަދު ދީދީ، މޫސާ މަނިކު އަދި އަލީ ވަހީދުގެ ނަން ފާހަގަކުރައްވާފަ އެވެ. އަދި ހަސަން ލަތީފާއި، މިހާރުގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާއި، މިހާރު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ އިބްރާހީމް ނާޒިލް އަދި މެންބަރު ޣަފޫރު އަކީ ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ބޭނުންވަނީ ޕާޓީއަށް އެކާވީސް އަހަރު ފުރޭ ދުވަހު. އަޅުގަނޑު މި ދެންނެވި މި ސަޚްޞިއްޔަތުތައް، މި ލީޑަރުންތައް އެއް ތަނެއްގައި އެއް ސްޓޭޖެއްގައި އަތުރައިލާފައި އަޅުގަނޑުމެންގެ އާ ލީޑަރޝިޕަކާ އެކީގައި މި ޕާޓީގެ މަސައްކަތް ފަށައިގަންނަން. ކޮންފަދަ ފަޚުރުވެރި ޕާޓީއެއްގެ ގޮތުގައި އެ ދުވަހު ފެންނާނެ. ދެ ރައީސުންނާއި، ތިން ރައްޔިތުންގެ މަޖިލީހުގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ ތިން ނައިބު ރައީސުންނާ، މި ދެންނެވި އިތުރަށް ސިޔާސީ އެތައް ސުހުސިއްޔަތެއް އެ ދުވަހު އެއް ތަނަކުން ފެނިގެންދާނެ. އެކަން ކުރާއިރުގައި އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެން އެ ބެޓުން އާ ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް. އެއީ އަޅުގަނޑު މީކާއިލްއަށް ތާއިދުކުރައްވާ ކަމަކީ.  
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއަކީ ލީޑަރުން އުފައްދާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދަކީ އަނެއްކާވެސް އައު ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ޕާޓީއަށް 21 އަހަރު ފުރޭ ދުވަހު، ޕާޓީގެ ކުރީގެ ހުރިހާ ލީޑަރުންނާއި ޝަހުސިއްޔަތުން އެއް ސްޓޭޖަކުން ފެނިގެންދިޔުން ކަމަށް ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ކުރިމަގު ބިނާކުރުމުގައި ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ މަސައްކަތްތައް އައު ލީޑަރޝިޕަކާއެކު ފަށައިގަތުމަކީ ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.