އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ވޯޑުގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކު އެ ހޮސްޕިޓަލުގެ އިހުމާލުން ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ އާއިލާއިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ބައިޕޯލާ ޑިސްއޯޑަރަށް ފަރުވާ ހޯދަމުންދިޔަ މި މީހާ ގެއްލިފައިވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ އޭނާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާއިލާއިން ބުނި ގޮތުގައި އެ ބަލިމީހާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާގެ ހާލަތު ހަމައަކަށް އެޅުވުމަށް ބޭނުންވާ އެކަށީގެންވާ ބޭސް ހޮސްޕިޓަލުގައި ނެތެވެ. މިކަމާ ގުޅިގެން ހޮސްޕިޓަލުގެ އެދުމުގެ މަތިން އާއިލާއިން އަމިއްލައަށް ރާއްޖޭން ބޭރުން ބޭސް ހޯދައިގެން ގެނެސްދީފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެމުން އާއިލާއިން ބުނީ، ބަލިމީހާ ނުނިދާ ގިނަ ދުވަސްތަކެއް ވަންދެން އުޅުނުއިރު ވެސް ހޮސްޕިޓަލުގެ މުވައްޒަފުން އެކަމަށް ސަމާލުކަން ދީފައި ނުވާ ކަމަށެވެ. އަދި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ލޮކްޑް ވޯޑެއްގެ ތެރޭގައި ތިން ގަޑިއިރަށްވުރެ ގިނައިރު ބަލިމީހާ ހިނގާބިނގާވެ އުޅުނުއިރުވެސް، އެއްވެސް މުވައްޒަފަކު އޭނާ ހުއްޓުވުމަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރާ މެދު އިތުބާރު ގެއްލިގެން ބަލިމީހާ ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި ހުރި ނާޒުކު ހާލަތެއްގެ ބަލިމީހަކު ފިލައިގެން ދިއުމަކީ މުޅި ސިއްހީ ދާއިރާގެ ފެއިލިއާއެއްގެ ގޮތުގައި އާއިލާއިން ސިފަކުރެ އެވެ. އަދި މިކަމުގައި ދައުލަތުން ޒިންމާ އުފުލަންޖެހޭނެ ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ރަސްމީ ބަހެއް ހޯދުމަށް މީޑިއާ އޮފިސަަރަށް ގުޅުމުން ފޯނު ނުނަގާތީ، ގެއްލިފައިވާ ބަލިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ. އާއިލާއިން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސެކިއުރިޓީ ބަލަހައްޓާ ވޯޑަކުން ބަލިމީހަކު ނުކުމެގެން ދިއުމާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.