ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް 50 މިނިޓު އަދި ޖަވާބުދާރީ ވާން 10 މިނިޓު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީ އިން ނިންމައިފި އެވެ.

ބުދަ ދުވަހު ހަވީރު ބޭއްވި އާއްމު ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ.

ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މި މައްސަލައިގައި މަޖިލިސް ފްލޯގައި ބަހުސްކުރުމަށް ޖުމްލަ 1 ގަޑި އިރު، ބަހުސް އަށް 50 މިނިޓު ދިނުމަށް ހުށަހަޅުއްވާފަ އެވެ. އެ ވަގުތު ޕާޓީތަކުގެ މެދުގައި ބަހާލުމަށް އޭނާ ހުށަހެޅުއްވި އެވެ. 
 އާއްމުކޮށް 4 ގަޑި އިރުގެ ބަހުސް އެއްގައި މެމްބަރަކަށް ލިބެނީ 5 މިނިޓުގެ ވަގުތެއް ކަމަށް ވުމާއި އެކު މި މައްސަލައިގައި ބަހުސް ކުރުމަށް 3 މިނިޓުގެ 1 ފުރުސަތު ދިނުމަށައި ޖަވާބުދާރީވުމަށް ނާޒިމް އަށް 10 މިނިޓު ދޭން ރަނގަޅު ކަމަށް ފެންނަ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. 

އެ ހުށަހެޅުމަށް ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ތާއީދު ކުރައްވާފަ އެވެ. އެ ނިންމުން  ފާސްކޮށްފައި ވަނީ ވޯޓުގައިި ބައިވެރިވި 5 މެމްބަރުން ވޯޓު ދީގެންނެވެ. 

ބުދަ ދުވަހުގެ ކޮމިޓީގައި ބައިވެރިވަޑައިގަންނަވާފައިވަނީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް، އަލިފުށި ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު، ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ، މާފުށީ ދާއިރާގެ މެމްބަރު ޙުސައިން ރިޟާ އާދަމް އަދި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު އެވެ. ވޯޓުގައި ބައިވެރިވީ މީގެ ތެރެއިން ޕީއެންސީގެ މެމްބަރުންނެވެ.

މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހަމަ އެ ދުވަހު ބުނެފަ އެވެ.