ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކޮށް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. 

ބުދަ ދުވަހު ހެލްތް މިނިސްޓްރީން ބުނީ، ދިވެހިންގެ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގައި ޖީޕީ އަދި އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުތައް ގާއިމް ކުރުމަށް ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކޮށް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ.  

މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތައް 01 ޖޫން 2026 އިން ފެށިގެން ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ގާއިމްކޮށްފައިވާ އަރބަން ޕްރައިމަރީ ހެލްތް ކެއަރސެންޓަރ އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕަބްލިކް ހެލްތް ޔުނިޓާއި ޖީޕީ ކްލިނިކުން ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކޮށް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާއިރު، މިމަހުގެ 17ވީ އާދިއްތަ ދުވަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ދަމަނަވެށީގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި 21 މެއި ވާ ބުރާސްފަތި ދުވަހު ދަމަނަވެށި ބަންދު ކުރުމަށް ވެސް ނިންމި އެވެ.

މި ބައްދަލު ކުރެއްވުމުގައި ދަމަނަވެށި ބަންދު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއިރު، މިދުވަސްވަރަކީ ޚިދުމަތްތަކެއް ޕީކް ދުވަސްކޮޅެއް ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން މުވައްޒަފުން ވަނީ މިހާރު ވެސް ކޮންމެ ދުވަހަކު އެތަނުން 100ށް ވުރެ މީހުން ޚިދުމަތް ހޯދާ ކަމަށާއި، ޚިދުމަަތްތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އަލުން އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރު ނަމުގައި ދަމަނަވެށި ހުޅުވާއިރު، އެ ޚިދުމަތްތައް ފުރިހަމައަށް ގާއިމް ވެފައި ހުންނަން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.