ހިޔާލުފާޅުކުރުމުގެ މިނިވަންކަން
ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއްކަމަށާއި، އެގޮތަށް ވަޒީފާއިން
ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް އެހެން ވިދާޅުވީ އައިޝާ
ޑޮކިއުމެންޓަރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް
ނިންމައި އެސްޓީއޯގެ މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ
އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް
މީޑިއާގައި ކުރި ޕޯސްޓެއްގައި ކްރިމިނަލް ކޯޓުގެ އަމުރާއި ހިލާފުވެ، އެ ކުންފުނީގެ
މުވައްޒަފުން ގެންގުޅެން ޖެހޭ އާންމު ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް
ބުނެއެވެ. އަދި ރައީސްގެ ދެކަނބަލުންނަށް ފުރައްސާރަވާ ފަދަ އިބާރަތް އޭނާ
ބޭނުންކޮށްފައިވާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި
މައުރޫފް ވިދާޅުވީ، ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމަކީ،
ވަޒީފާދޭ ފަރާތުގެ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ނަމަ، އެކަމާ ގުޅިގެން
ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މައުރޫފް ވިދާޅުވީ ވަޒީފާ އަދާކުރާ ތަނުގެ މަސައްކަތާ
އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ޚިޔާލަކާ ގުޅިގެން
ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަކީ އިންތިހާއަށް ބޭއިންސާފު އަދި ޣައިރު
ގާނޫނީ އަމަލެއް ކަމަށެވެ. ކޮންމެ ރައްޔިތަކަށްމެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ
މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކޮށްގެން
ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ، ވަކި ކަމަކީ
ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތްތަކަށް ލިބިގެން
ނުވާ ކަމަށެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ
ކްރިމިނަލް ކޯޓުން ކަމަށާއި، އެފަދަ ނިންމުންތައް ނިންމުމަކީ ވަޒީފާދޭ ފަރާތްތަކުގެ
މަސްއޫލިއްޔަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މައުރޫފް ވަނީ ވަޒީފާއިން
ވަކިކުރި މީހަކީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފައެވެ.
އެގޮތުން އެ މީހަކީ ކާކުކަން އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް
އޭނާ ވަނީ އެދިވަޑައިގެންފައެވެ. މިއީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި
ކުރަންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ފާޅުކުރާ
ޚިޔާލުތަކާ ގުޅިގެން ބައެއް މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ މައްސަލަތައް ވަނީ
ފެންމަތިވެފައެވެ. މިފަދަ މައްސަލަތަކުގައި ގާނޫނީ މާހިރުން އަންނަނީ ކަންބޮޑުވުން
ފާޅުކުރަމުންނެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދޭ ރައްކާތެރިކަމާއި،
ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ގިނަ ބަޔަކު އަންނަނީ
ގޮވާލަމުންނެވެ.