މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ
ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ
މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ މައުލޫމާތުކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައިވަނީ އިންފޮމޭޝަން
ކޮމިޝަނަރު އާހިދު ރަޝީދު އެކްސްގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުންނެވެ. އާހިދު
ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ސަރުކާރުގެ އިދާރާތަކުން
މި ޤާނޫނުގައި ބުނާ މިންގަނޑަށް މައުލޫމާތު ހާމަކޮށްފައިވަނީ އެންމެ 34 އިންސައްތަ
އިދާރާއިންނެވެ.
ވަކިވަކި މިނިސްޓްރީތަކަށް ބަލާއިރުވެސް މި
އަދަދު އިންތިހާއަށް ދަށްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް މިނިސްޓްރީތައް
15 އިންސައްތައަށްވުރެވެސް ދަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ މައުލޫމާތުކަން އާހިދު ވަނީ
ފާހަގަ ކުރައްވާފައެވެ.
އެކިއެކި އިދާރާތަކަށް ހުށަހަޅާ
އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަރަށް ގިނަ އިދާރާތަކުން ވަގުތު
އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާކަމަށްވެސް ދާދި ފަހުން އާހިދު ވަނީ
ވިދާޅުވެފައެވެ. އެގޮތުން އާހިދު ވިދާޅުވީ، ވަރަށް ގިނަ އިދާރާތަކުން މުއްދަތު
އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާ ކަމަށާއި، އެކަން ކުރަމުންދަނީވެސް
ޤާނޫނުގައި ބުނާ ގޮތަކަށް ނޫން ކަމަށެވެ. އާހިދު ވިދާޅުވި ގޮތުގައި މުއްދަތު
އިތުރު ކުރުމަށްފަހު ދެން ލިބޭ ޖަވާބަކީ އެ މައުލޫމާތަކީ ދެވެން ނެތް
މައުލޫމާތެއްކަމަށެވެ. އަދި އެއީ ޤާނޫނުގައި އޮތް މުއްދަތުގެ ތެރޭގައިވެސް
ބުނެވެން އޮތް އެއްޗެއްކަން އާހިދު ފާހަގަ ކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ
ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން
އިހުމާލުވަމުންދާ ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ
އަމާޒުވެފައެވެ. ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުންދާކަމުގެ
ޝަކުވާ ބޮޑުވެފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޤާނޫނުގައި ބުނާ މިންގަނޑުން
މައުލޫމާތު ހާމަކުރުމުގައި ބޮޑެތި ލަސްތަކެއް އުޅެއެވެ.
އެހެންނަމަވެސް މި ސަރުކާރުގެ މައުލޫމާތުތައް
ނުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައިޓް
ޓު އިންފޮމޭޝަން (އާރްޓީއައި) ފޯމު ހުށަހަޅަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް ރައީސް
ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.