ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން
ބަޣާވާތްކުރިކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން ފެށި ތަހުގީގުގައި ޖިނާއީ
މައްސަލައެއް ފެންނަން ނެތުމުން އެ މައްސަލަ ފައިލްކޮށްފިއެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނީ މައުލޫމާތު
ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'މަހޯލި' ޕޯޓަލް މެދުވެރިކޮށް
އާންމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ފޮނުވި ޖަވާބުގައެވެ.

ފުލުހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، އެ
ޚިދުމަތުގެ ރިކޯޑްތަކުން ދައްކާގޮތުން، 2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ
ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް
ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ޙާލަތެއް ނެތް ކަމަށެވެ. އެހެންކަމުން
އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހިންގެ ޤައުމީ ބޭންކް، ބީއެމްއެލްއަށް
ބަޣާވާތުގެ ތުހުމަތު ކުރެއްވީ ރައީސް ޑރ މުޙައްމަދު މުއިއްޒެވެ. އެގޮތުން ރުފިޔާ
ކާޑުން ޑޮލަރު ނުލިބޭ ގޮތް ބީއެމްއެލްއިން ހެދުމާ ގުޅިގެން އެއީ ސީދާ ބަޣާވާތެއް
ހިންގަން އުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު  ވަނީ ވިދާޅުވެފައެވެ.

ރައީސް އޭރު ވިދާޅުވީ، އެއީ އެމްޑީޕީން
އަޑީގައި އޮވެގެން ބީއެމްއެލް މެދުވެރިކޮށް ކުރުވި ކަމެއް ކަމަށާއި، ސަލާމަތް ބުއްދި
ހުރި ކޮންމެ މީހަކު ވިސްނާލުމުން މިއީ ބަޣާވާތެއްކަން އެނގޭނެ ކަމަށެވެ.

އޭރު ފުލުހުންވެސް އޮތީ ބަޣާވާތުގެ ތުހުމަތުގެ
ތަހުގީގު ފަށާފައެވެ. ނަމަވެސް މިހާރު އެ މައްސަލަ މިވަނީ ފައިލްކޮށްފައެވެ. އަދި
އޭރު އެ ފެންމަތިވި ތުހުމަތުތަކާއެކު ބީއެމްއެލްގެ ހިންގުމަށްވެސް މި ސަރުކާރުން
ބޭނުންވާ ބަދަލުތައް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން، އޭރު ރައީސް ބަޣާވާތެއްކަމަށް ވިދާޅުވި ކަންކަން ދިފާއުކޮށް މިއަދު ސަރުކާރުން ގެންދަނީ ބޭންކުން ރުފިޔާ ކާޑުން ޑޮލަރު ދޫކުރުން ލިމިޓު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.