ސައުދީ ސަރުކާރުން  ދިވެހިރާއްޖެއަށް އިތުރު 30 ހައްޖު ކޯޓާ ދިން ކަމަށާއި، ހައްޖު ކޯޓާތައް 3 ބޭފުޅެއްގެ އާއިލާ އާއި ރައްޓެހިންނަށް ދިންކަމުގެ ތުހުމަތު ކޮށްފި އެވެ. 

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވީ މިފަހަރު ރާއްޖެ އަށް އިތުރަށް 30 ހައްޖު ކޯޓާ ލިބުނު ކަމަށާއި، އެ ހައްޖު ކޯޓާތައް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފްގެ ގާތް މީހުންނާއި އާއިލާ މީހުންނަށް ބަހާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ތުހުމަތު ކުރި ގޮތުގައި، މި ކޯޓާގައި ޝެއިޚްލަތީފްގެ ހުރިހާ ދަރިންނާއި އެމީހުންގެ އަނބިންނާއި ފިރިންގެ އިތުރުން އެމީހުންގެ މައިންބަފައިން ހިމެނެ އެވެ. 

އޭނާ ވިދާޅުވީ މިކަން ސިއްރު ކުރުމަށްޓަކައި ބައެއް ބޭފުޅުން އިހުރާމް ބަނީ ވެސް އެއަރޕޯޓަށް ގޮސްފައި ކަމަށާއި، ވަރަށް ބޮޑަށް މިކަން ސިއްރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

މި ކޯޓާތަކުން ދެން ބޮޑު ބަޔެއް ދީފައިވަނީ ޑެޕިއުޓީ މިނިސްޓަރު އަހުސަނަށްވާއިރު، މިކޯޓާގައި އަހްސަންގެ އެއްބަޑު އެއްބަފާ ކޮއްކޮ އަދި މޯލްޑިސްވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ހުސައިން ޝަގީފްގެ ދެމަފިރިންނާއި އަހްސަންގެ އާއިލާގެ އިތުރު މީހުން ހިމެނޭ ކަމަށެވެ. އަދި ބާކީ ކޯޓާތައް މިނިސްޓަރު ޝަހީމް ބޭނުންވާ ބަޔަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން މި ކޯޓާތައް ދީފައިވަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު އާއި އަނބިކަބަލުންނާއި ދަރިންނަށް ކަމަށެވެ. ނަމަވެސް މިކަން މިނިސްޓަރު ޝަހީމް ވަނީ ދޮގު ކުރައްވާފަ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ އެޗްޑީސީ އެމްޑީ އާއި އާއިލާ ހައްޖަށް ދިޔައީ ގަތަރުން ދިން އެހީތެރިކަމެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު ޝަހީމް މިކަން ދޮގު ކުރެއްވި ނަމަވެސް ރާއްޖެއަށް 30 ކޯޓާ ލިބުނުކަން ދޮގު ކުރައްވާފައިނުވެ އެވެ. އަދި ވިދާޅުވީ އަބަދުވެސް މިގޮތަށް ހައްޖު މިޝަންއަށް ކޯޓާ ލިބޭ ކަމަށާއި، މިފަހަރު ލިބުނު ކޯޓާގެ އަދަދު ސާފު ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިގޮތަށް ލިބޭ ކޯޓާތަކުގެ މައުލޫމާތަކީ އާއްމު ކުރާ އެއްޗެއް ނޫން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން އަހުސަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި ސަރުކާރުގެ ހަރަދުގައި މިއަހަރު ވެސް 50 ހައްޖުވެރިން ވަނީ ފޮނުވާފަ އެވެ.  ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ  ރިޔާސީ ވައުދަކަށްވާއިރު، އެވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރު އެވެ. އެގޮތުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ހައްޖަށް 50 ފަގީރުން ފޮނުވާފައިވެ އެވެ. 

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހައްޖުގެ ކިޔު ވަނީ ވަރަށް ބޮޑަށް ދިގުވެފަ އެވެ. ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ހައްޖަށް ދިއުމަށްޓަކައި ފައިސާ ދައްކާފައިވާ މީހުންގެ ހައްގުތައް ގެއްލޭ ކަަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ހައްޖުގެ ކިޔު ކުޑަ ކުރުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އަމަލީ ސިފަ ނުފެންނަ ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. 

ރާއްޖޭގެ ހައްޖާޖީން ހައްޖަށް މިމަހުގެ  15، 17، 18 އަދި 19 ވަނަ ދުވަހު ފުރާފައިވާއިރު، ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމަ އަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހުރިހާ ހައްޖާޖީންނަށް ވެސް މައްކާއިން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.