ސިޔާސީ ގޮތުން ދެ ފަޅިއެއްގައި މަސައްކަތް ކުރި ނަމަވެސް ރަށުގެ ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށް ބ. ކަމަދޫގެ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ވިދާޅުވެއްޖެ އެވެ.
ކަމަދޫގެ އީދު ހަރަކާތްތަކާ ގުޅޭގޮތުން ބުދަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ، ސިޔާސީ ގޮތުން ދެ ފަޅިއެއްގައި މަސައްކަތް ކުރި ނަމަވެސް އެ އިންތިޚާބެއް ނުވަތަ ސިޔާސީ ގޮތުން އެއަންނަ ކަމެއް ނިމުމާއެކު އެކަން ދާނެ ކަމަށާއި، އޭގެފަހުން ދެކޮޅުވެރި ކަމެއް ނުވަތަ ރުޅި ވެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޒަމާނުއްސުރެ އެރަށުގައި އޮންނަ އުސޫލު ކަމަށެވެ.
ޝަމީމް ވިދާޅުވީ ރަށުގެ ތަރައްގީއާއި، އިޖްތިމާއީ އެންމެހައި ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޚާއްސަކޮށް އީދު ހަރަކާތްތަކުގައި އެންމެން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަމަދޫގެ އީދަކީ ސަގާފީ، އިޖްތިމާއީ، އިގްތިސާދީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި، އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.
އެއީ އަޅުގަނޑުމެން މިރަށާ ދޭތެރޭގައި އޮތް ރަނގަޅު ވިސްނުން އެނގޭތޯ. ރަށުގެ ތަރައްގީއާއި އިޖްތިމާއީ ކަންކަމާއި، މިހެން ހުރި ކަންކަމުގައި ރަނގަޅު ވިސްނުން އެއީ ރައްޔިތުންގެ. އެހެންވީމަ އެއީ ކުރުކޮށް ބުނަންޏާ ބުނެވޭނެ ގޮތަކީ.ބ.ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް
އީދުގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ މިއަހަރުގެ އަޟްހާ އީދަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތް ދޮޅު މަސް ކުރިން ފަށާފައިވާ ކަމަށާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ފޮނި ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.
ޝަމީމް ވިދާޅުވީ މިދިޔަ އަހަރު އީދާ ގުޅިގެން ''ހިނިތުންވުން'' ޝިއާރެއް ބޭނުންކުރި ކަމަށާއި، އެގޮތަށް މިއަހަރު ވެސް ޝިއާރެއްގެ ގޮތުގައި ''ހިތުން ހިތަށް'' ބޭނުންކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ލޮއެއްބާއި، ސަމާލުކަން ލިބި ރަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ހުރިހާ ރައްޔިތުން އެ އަޒުމެއްގައި މަސައްކަތް ކުރަމުންދާ ކަމަށާއި، އީދާ ގުޅިގެން އައު 6 ލަވަ ރިލީޒް ކުރާނެ ކަމަށެވެ.