އަޟްޙާ އީދަށް މުޅި ރަށް ތައްޔާރުވަމުންދާ ކަމަށާއި، އީދުގައި ހުރިހާ ރައްޔިތުން ޝާމިލުވާނެ ކަމަށް ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ސުހާ ވިދާޅުވީ، އީދަށް ތައްޔާރުވުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މިމަސައްކަތުގައި މުޅި ރަށް އެކުއެކީގައި ޝާމިލްވާ ކަމަށެވެ. އަދި ކުޅިވަރުތަކާއި، ނެށުންތަކަށް ތައްޔާރުވަމުންދާއިރު، ފަރިތަ ކުރުންތައް ކުރިއަށް ގެންދާތާ ގާތްގަނޑަކަށް ތިން ހަފްތާ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުހާ ވިދާޅުވީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޚާއްސަ ކޮމެޓީއެއް ނެގި ނަމަވެސް މުޅި ރަށަކީ އީދު ކޮމެޓީ ކަމަށެވެ.
މިހާރު ދެން އަޅުގަނޑުމެން އީދު ކޮމެޓީގެ ކުދިން ކޮޅަކާއި، ދެން ޚާއްސަކޮށް އަންހެން ކުދިން ބޮޑަށް މިއުޅެނީ ކުޅިވަރުތަކުގައި އިސްނަގައިގެން. ދެން ބަޑިޔާ ޖެހުމާއި މިކަހަލަ ކަންތައްތަކުގައި ވަރަށް ހިއްސާ އޮންނާނެ. އެންމެންގެ ވެސް. ހަމައެކަނި އަޅުގަނޑެއް ނޫން. އެ ނަގާފައި އޮންނަ ޓީމެއް ހުރިހާ ކުދިން އެއްވެގެން އަޅުގަނޑުމެން ސްޓެޕް ނަގާ މިކަހަލަ ކަންތައްތައް މިކުރަނީ. ދެން އެގޮތަށް މިކަންތައްތައް މިއިންނަނީ އަސްލު. އަޅުގަނޑުމެން ފުރަތަމަ ފެށީ ޕްރޮމޯޝަން ލަވާގެ މަސައްކަތް. އެއީ މިދިޔަ މަހުގައި. ދެން އެވެސް ހަފްތާކައަކަށް ވެފައި އިންދާ އަޅުގަނޑުމެން ސްޓެޕްތައް ނަގައި، މީގެ ތެރެއިން ކުދިންކޮޅެއް ސްޓެޕްތައް ނެގުމާއި، މިކަންތައްތައް ކުރާނެ. ދެން ހަމަ ވީކެއްގެ ތެރޭގައި ދަސްކޮށްލާނެ. ވަރަށް މޮޅު އަސްލު މިއުޅޭ ކުދިން. އެންމެ ކުޑައިރުން ފެށިގެން ވެސް އަޅުގަނޑުމެންގެ ކަށީގައި ހިފާފައި އިންނަ ކަމެއް މިއީ އަސްލު ހަގީގަތުގައި. އެހެންވީމަ އުދަނގޫ ނޫން މީތި ގެންނާކަށް އަޅުގަނޑުމެންނަށް.ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ

ސުހާ ވިދާޅުވީ މިފަހަރުގެ އަޟްޙާ އީދު ވެސް ވަރަށް ފޯރިގަދަ ވާނެ ކަމަށާއި، ރަށަށް އަންނަ މެހެމާނުންގެ ހިތް ވެސް ކަމަދޫއަށް ލިބޭނެ ކަމަށެވެ. އަދި ދުރާލާ އީދަށް ތައްޔާރުވާން ފަށާފައިވާއިރު، ރަށުގެ ސާފުތާހިރު ކަމަށް ވެސް ރަށުގެ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދީ، ދޮންވެލިލައި މަސައްކަތްތައް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.