މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 45 އިންސައްތަ ފައިސާ ހޯދިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށް އެ ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ސްކޭމްގެ 37 މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 324،774.50  ރުފިޔާ އެވެ. ނަމަވެސް، އެންޓި ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 145،167 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 45 އިންސައްތަ) އަނބުރާ ހޯދާފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. 

މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގައި ބޭނުން ސްކޭމް ކޮށްފައިވަނީ އޮންލައިން މެސެޖިންގ ޕްލެޓްފޯމްތައް ބޭނުން ކޮށްގެންނާ، އައިބޭ، ފޯން ކޯލް، ފިޝިންގް ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށެވެ. 

އެގޮތުން އީ ކޮމަރސް ޕްލެޓްފޯމްތައް މެދުވެރިކޮށް ސްކޭމް ކުރުމުގެ 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ފައިސާ މާރުކުރުމުގެ 4 މައްސަލައަކާއި، އޮޅުވާލައިގެން މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 8 މައްސަލަ އަދި އެހެނިހެން ސްކޭމްގެ 6 މައްސަލަ ހުށަހަޅާފައި ވެ އެވެ. އެގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެ އެވެ. 

މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. އެންޓި ސްކޭމް ސެންޓަރުން ބުނީ މިއީ މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށެވެ.

އެ ސެންޓަރުން ވަނީ ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށް ފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.