ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާއި ދިފާއުގައި ވާހަކަދެއްކެވުމަށް ނާޒިމް އަށް ދޭ ފުރުސަތުގެ ދިގުމިން ކަނޑައަޅަން އާންމު ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކޮށްފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހަމަ އެ ދުވަހު ބުނެފަ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބުދަ ދުވަހަށް އެޖެންޑާ ކޮށްފަ އެވެ. އާންމު ކޮމިޓީގެ އެޖެންޑާގައި ވަނީ ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމމުގެ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވާނރ މެންބަރުންގެ އަދަދާ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގެ ދިގުމިނާ، ނާޒިމް އަށް ދިފާއުގައި ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގެ އަދަދާ، އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމެވެ.
ގާނޫނު އަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އަދި އެ މައްސަލައިގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެ އެވެ. ނަމަވެސް އޭނާއާ ގުޅޭ ވޯޓުގައި ބައިވެރިނުވެވޭނެ އެވެ.
ބުރާސްފަތި ދުވަހު އެ ގަރާރު ހުށަހަޅާފައިވާއިރު މި އަހަރުގެ މަޖިލީހުގެ މި ދައުރު ވަނީ "މުހިއްމު މަސައްކަތްތަކެއް" ހުރި ކަމަށް ބުނެ ދަންމާލާފަ އެވެ. ނަމަވެސް ތިން ދުވަސް ވީއިރުވެސް އެއްވެސް ޖަލްސާއެއް ބާއްވާފައި ނުވާއިރު މިއީ ނާޒިމް ވަކި ކުރުމުގެ މަސައްކަތް އަވަސްއަރުވާލައިގެން ނިންމާލުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރައްވަ އެވެ.