އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސް ތިނެއްގެ ތެރެއިން ސްކޭމް މައްސަލަތަކާއި ގުޅިގެން، 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުން ހާމަކޮށްފި އެވެ. 

ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފްރޮންޓިއަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން  އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވަނީ ސްކޭމްތަކުގައި ގެއްލުނު މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށާއި އެއީ ރަނގަޅު ކާމިޔާބީ އެއް ކަމަށް ފާހަގަކުރައްވާފަ އެވެ. 

ސްކޭމްގެ އެކި މައްސަލަތަކުގައި ފޭރިގަނެފައިވާ ފައިސާގެ އަދަދު 4 މިލިޔަނަށް އަރާ އިރު، އެންޓި-ސްކޭމް ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ބޮޑަށް ރިކަވަރީ ކުރުމަށް ވެސް ވިސްނައިގެން ކަމަށް ނަވީދު ވިދާޅުވި އެވެ. މީގެ އިތުރުން މި އޮޕަރޭޝަންގެ ދަށުން ސްކޭމްގެ 349 މައްސަލަ ބަލާފައިވާކަމަށް ވެސް ނަވީދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އޭގެތެރެއިން 186 މައްސަލައަކީ އީކޮމާސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްގެ މައްސަލަތައް ކަމަށެވެ. 

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި މުއްދަތުގައި 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ވަނީ ހޯދާފަ އެވެ. އަދި ސްކޭމްގެ މައްސަލަތަކުގައި ޝައްކު ކުރެވުނު 574 މީހުންނާ ސުވާލުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 490 ފިރިހެނުންނާއި 84 އަންހެނުންނެވެ.

ފްރޮންޓިއަރ ޕްލަސް އެލަޔަންސްގައި 13 ގައުމެއް ހިމެނެއެވެ. މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.