މިހާރު ކުރަން ޖެހޭ ކަންކަމާއި، އަދާކުރަން ޖެހޭ މަސްއީލިއްޔަތު ވަރަށް ސާފު ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަން ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ އާއި މާލޭގައި އެއް ފަހަރާ ކުރިއަށް ގެންދިޔަ ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން، ވީހާވެސް އަވަހަކަށް މި ވެރިކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަން އެމްޑީޕީ އިން އިރާދަކުރެއްވިއްޔާ ހާސިލް ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެރިކަމަށް އައުމުގެ ކުރިންނާއި އޭގެ ފަހުން ޕާޓީގެ މަސައްކަތްތަކުގައި ތިނަދޫ އިން އަދާކުރި އިސް ދައުރު ފާހަގަކުރައްވާފަ އެވެ. 

އެގޮތުން، އެމްޑީޕީގެ ވަރަށް ގިނަ މަސައްކަތްތައް ރާއްޖޭގައި އިސްނަގައިގެން ކުރަމުން ދިޔައީ ތިނަދޫގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ތިނަދޫގެ ރައްޔިތުންނަކީ އިންސާފާއި ތަނަވަސްކަމަށްޓަކައި ބަދަލަށް ބޭނުން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރި ބައެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިހާރު އޮތް ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ޚިލާފަށް ކުރި ކަންކަމުގެ އަސަރުތަކާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެއް ތަނަކީ ތިނަދޫކަން އެ މަނިކުފާނު ފާހަގަކުރައްވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ރޫޅާލާ އެ ނިޒާމުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރި މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ދިޔަ ކަމަށެވެ.

"އެ ނިޒާމުގެ މައްޗަށް ގަދަވެ، ލާމަރުކަޒީ ނިޒާމް ރޫޅާން ސަރުކާރުން ދިމާކުރީ. އެތަން ވަރަށް ސާފުކޮށް ފެނުނު." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނުގެ ވާހަކައިގައި ވިދާޅުވި އެވެ.