ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހުންނާ ގުޅުން އުފައްދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މޫސާ މުހައްމަދުގެ އެކައުންޓަށް، އިތުރު 10 މީހެއްގެ އަތުން ވެސް ސްކޭމްގެ ތެރެއިން ފައިސާ ނަގާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މޫސާ މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މޫސާ މުހައްމަދު ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހަކާ ގުޅުން އުފައްދާފަ އެވެ. އެއަށްފަހު ވައިބަރ މެދުވެރިކޮށް އޭނާ ވަނީ އެ މީހާއަށް ލިންކެއް ފޮނުވާފަ އެވެ. އެ ލިންކަށް ފިތާލުމާއެކު އެ މީހާގެ ފޯނު ރީސެޓުވެ، ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. ފުލުހުން ބުނި ގޮތުގައި އެ ފައިސާ ޖަމާވެފައި ވަނީ ސީދާ މޫސާ މުހައްމަދުގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މޫސާ މުހައްމަދު ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 2 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާވަރަކަށް މި މައްސަލައިގެ ނުރައްކާތެރިކަން ބޮޑުވެ، އޭނާގެ އެކައުންޓަށް އިތުރު ބައެއްގެ ފައިސާ ޖަމާވެފައިވާކަން މިހާރު ވަނީ ފާހަގަވެފަ އެވެ.

ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި، މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރަމައިޒްކޮށްގެން ނުވަތަ ހެކްކޮށްގެން 50,000 ރުފިޔާ ނެގި މައްސަލައިގެ އިތުރުން، ހަމަ މި ބާވަތުގެ އިތުރު 10 ހާދިސާއެއްގައި ވެސް މޫސާ މުހައްމަދުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން އެކި މީސްމީހުންގެ އެކައުންޓުން މަކަރާއި ހީލަތުން ފައިސާ ނަގައި، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

މިފަހަކަށް އައިސް ލިންކުތައް މެދުވެރިކޮށް ބެންކު އެކައުންޓުތަކުން ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށާއި، އަމިއްލަ މައުލޫމާތާއި ބެންކިންގް ތަފްސީލުތައް ހިއްސާ ނުކުރުމަށް ފުލުހުންނާއި ބެންކުތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. މޫސާ މުހައްމަދުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.