ސަރުކާރުގެ
އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން
ހުއްޓިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން އެއްބަސްވެފައި
އޮތްނަމަވެސް، އެ މަސައްކަތް ކުރިއަށްދާކަމަށް މި ސަރުކާރުގެ މާލީ ވަޒީރު
ވިދާޅުވެއްޖެއެވެ.

މާލީ
ވަޒީރު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރުގެ އިޤްތިސާދީ ރިފޯރމް
އެޖެންޑާއާ ގުޅޭގޮތުން މައުލޫމާތު ހާމަ ނުކުރާތީ އާއި އެ މަސައްކަތް އޮތް ހިސާބެއް
ސާފުނުވާތީ އެކަމާ ގުޅިގެން ސުވާލު ކޮށްފައެވެ.

އެ
ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މިހާރުވެސް
މާލީ ނިޒާމު ވަރަށް ބޮޑަށް ރިފޯރމް ކޮށްފައިވާ ކަމަށާއި، އޭގެ ނަތިޖާ ވެސް ފެނިފައިވާ
ކަމަށެވެ. އެގޮތުން 2023 އާ ހިސާބަށް އައިއިރު ދަރަނީގެ ރަނގަބީލުތައް އަޅަމުން
ދިޔަނަމަވެސް، އިޤްތިސާދީ އެޖެންޑާއަކާއި ހަރުދަނާ ބަދަލުތަކަކާއެކު ދަރަނި
ދައްކައި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ވެސް ދެވިފައިވާކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.

އިޤްތިސާދީ
ރިފޯމް އެޖެންޑާގެ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް، ސަރުކާރުގެ
އިޤްތިސާދީ އިޞްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން
ހުއްޓިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އައިކޮމްގައި ބޭއްވި
އަޑުއެހުމެއްގައި އެއްބަސްވެފައެވެ. އެއީ މިދިޔަ އޭޕްރީލް މަހު އޮތް
އަޑުއެހުމެކެވެ.

އެހެންވެ
އެކަން އިތުރަށް ސާފުކޮށްދިނުމަށް ރާއްޖެޓީވީން ސުވާލު ކުރުމުން މާލީ ވަޒީރު
ވިދާޅުވީ، ކުންފުނިތައް އެއްކޮށްލުން ފަދަ ނިންމުންތަކަކީ ރިފޯރމް އެޖެންޑާގެ
ދަށުން ކުރެވިފައިވާ މަސައްކަތްތައް ކަމަށާއި، ރާއްޖެ ބަނގުރޫޓު ނުވެ އޮތީ ސަރުކާރުން
އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އައިކޮމްއަށް
ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، 2 ސެޕްޓެމްބަރު 2024 ގައި
ރިފޯމް އެޖެންޑާގައިވާ ކަންކަން ޙާސިލު ކުރުމަށް ރައީސް ނިންމެވި ކަންކަމާ ގުޅޭ ޚަބަރެއްގެ ވާހަކައާއި، އޭގެ ފަހުން 23 އޮކްޓޯބަރުގެ ޚަބަރެއްގައި އިޤްތިސާދީ
އިސްލާޙީ އެޖެންޑާގެ ދަށުން ރައީސް ނިންމެވި ނިންމެވުންތަކެއްގެ ވާހަކަ ހިމެނެއެވެ.
ނަމަވެސް އޭގެ ފަހުން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތުމުން އެ ސުވާލު
އައިކޮމްއިން ވެސް ވަނީ އުފައްދާފައެވެ.