އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލާފައިވާތީ، ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލަިއގެންފިއެވެ.
މި އަމުރު ހައިކޯޓުގައި ފުރަތަމަ އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ. ސަބަބެއްކަމަށް ބަޔާންކޮށްފައި އޮތީ ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށެވެ.
އެހެންވެ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އާދިއްތަ ދުވަހު ވަނީ މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފައެވެ.
އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންކަންވެސް ފާހަގަކޮށްލެވެއެވެ.