މި ދިވެހިރާއްޖެ މި ދަނީ އެއްކޮށް ނެތެމުން، ފަނާވަމުން ކަމަށާއި ގާނޫނުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ މިނިވަންކަމާއި ހައްގުތަކަކީ ހަމަ ހުރެލާފައި ޖަހައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ މާލޭގައި ބޭއްވި، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ހޯދާފައިވާ ހުރިހާ ބާރަކާ ހުރިހާ ހައްގެއް މިއަދު އެއްކޮށް ބީވެގެން ގޮސްފައިވާ ކަމަށެވެ. 

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީ އެއްވީ ރައްޔިތުން ކަމަށެވެ. ރައްޔިތުން ގެލެރީގައި ތިބެގެންނާއި ބޭރުގައި ތިބެގެންނާއި ރަށްރަށުގައި ތިބެގެންނާއި މާލޭ އައިސްގެން ވެފައިވަނީ އަގު ނުކުރެވޭނެ ގުރުބާނީ އެއް ކަމަށާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރު ކޮށްދިން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  

އަޅުގަނޑުމެން ހޯދި ހުރިހާ ބާރުތަކެއް ހޯދި ހުރިހާ ހައްގުތަކެއް އެއްކޮށް ބީވެގެން މިދަނީ. މުޅި ގައުމު އެއްކޮށް ނެތެމުން، ފަނާވަމުން މި ދަނީ. އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް ގޮވާލަން އޮތީ ގެއްލިގެން ދާ ކޮންމެ ދުވަހަކީ ގެއްލިގެންދާ ހައްގުތަކެއް. ގެއްލިގެންދާ މިނިވަން ކަމެއް. އެހެންވީމާ މިއަދު އަޅުގަނޑު ދަންނަވަން އޮތީ މުޅި ރައްޔިތުން އެއްކޮށް ނިކުންނަން އެބަ ޖެހެއޭ. ހަގީގަތަކީ ހުރިހާކަމެއް އޮތީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައި. ކަމެއް ގޯސްވުމުން، އެބަދަލު ކުރާ ގޮތް އޮވޭ. އެހެންވީމާ އަޅުގަނޑުމެންނަށް މިއަދު ހަމަ މަޖުބޫރު. ހިތަދޫ އުތުރުދާއިރާ އަށް އަޅުގަނޑުމެން ސޯބެ މި އިންތިޚާބު ކުރަނީ، އައްޑޫ ރައްޔިތުން މި އިންތިޚާބު ކުރަނީ މި މަސައްކަތަށް އިތުރު ހިއްވަރެއްލައި، މި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނަމަވެސް މިއަދު ހުރިހާ ހައްގެއް ނިގުޅައިގަނެ، ޖަހައިގަންނަމުން ދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން މިއަދު އެއްކޮށް ގެއްލިއްޖެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބީދައިފާ ހައްގުތަކާއި މިނިވަންކަމަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ފައިސަލް ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަތުމަށްޓަކައި މި ސަރުކާރުން މަސައްކަތް ކުރާއިރު ރައްޔިތުން ނުކުމެ މިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.