ރާއްޖޭގެ
ގޮނޑުދޮށްތައް ހިމާޔަތް ކުރުމާ ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް
ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް  ވިދާޅުވެއްޖެއެވެ.

މިނިސްޓަރ
އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ
ބައްދަލުވުމުގައެވެ.

މިނިސްޓަރ
ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ
މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތުގެ 65 އިންސައްތަ މިހާރު ނިމިފައިވާ
ކަމަށެވެ.

މީގެ
އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ލ އަތޮޅުގައިވެސް އެކަމާ
ގުޅުންހުރި މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދެއެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން. މި މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އަދި ހަމަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެބަ ކުރިއަށް ގެންދަން. ލ. އަތޮޅު 3 ރަށް، އެއީ ގަން، އިސްދޫ، ފޮނަދޫ އަދި އައްޑޫ އަތޮޅު މީދޫ. އަމަލީ މަސައްކަތުގެ ތެރެއިން ޑީޓެއިލް ޑިޒައިންގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް

މިނިސްޓަރު
މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ފަށާ ބައެއް މަޝްރޫއު ތަކުގައި އީއައިއޭ
ފުރިހަމަ ކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން އަދި ޝަކުވާ އަބަދު ވެސް އަންނަނީ
ކުރަމުންނެވެ. ޚާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ފަށާ މަޝްރޫއު
ތަކުގައި އީއައިއޭ ފުރިހަމަ ނުކުރާ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

މި
ސަރުކާރުން ތިމާވެއްޓާ ބެހޭ ޤަވާއިދަށް އެކި ފަހަރު މަތިން ބަދަލު ގެނެސް،
ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޚާއްސަ ހުއްދައިގެ ދަށުން މަޝްރޫއުތައް
ކުރިއަށް ގެންދާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް، ރާއްޖެ
އިން ބައިނަލްއަޤުވާމީ މައިދާނުގައި ތިމާވެށީގެ ހައްގުގައި ވަރަށް ގަދައަށް
ވަކާލާތު ކުރާ ކަމަށާއި، ތިމާވެށީގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ
އެއްބަސްވުން ތަކުގައި ސޮއި ކުރާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.