ވ. އަތޮޅުގެ "ޝާކް ކޭވް" ނުވަތަ މިޔަރު ހޮހަޅައިގެ ތެރޭގައި ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ސަރަހައްދުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ މެދު އާ ތިއަރީތަކެއް ފެންމަތިވާން ފަށައިފިއެވެ.

އިޓަލީގެ ފަސް ފީނުންތެރިން މަރުވި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ފިންލޭންޑުގެ މާހިރުން ކުރިއަށްގެންދިޔަ ވަރުގަދަ އޮޕަރޭޝަނަށްފަހު، ހޯމަ ދުވަހު ވަނީ 160 ފޫޓު އަޑިން ހަތަރު މީހެއްގެ ހަށިގަނޑު ހޯދާފައެވެ. ފެނިފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ އިކޮލޮޖީ އެސޯސިއޭޓް ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން، މެރިން ބަޔޮލޮޖިސްޓް ފެޑެރިކޯ ގުއަލްޓިއޭރީ އަދި ރިސާޗަރ މުރިއަލް އޮޑެނީނޯގެ ހަށިގަނޑެވެ.

މި ގްރޫޕް ފެނިފައިވަނީ "ޝާކް ކޭވް" ގެ ނަމުން މަޝްހޫރުވެފައިވާ ތިންވަަނަ ހޮހަޅައިގެ ތެރެއިންނެވެ. މި ގްރޫޕާއެކު ދިޔަ ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ގެއްލުނު ދުވަހުއެވެ.

މި ހާދިސާގައި މަރުވި ފަސްވަނަ މީހާ ކަމަށްވާ ޖިއަންލޫކާގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނިފައިވަނީ ހޮހަޅައިގެ އަނގަމަތީ ސަރަހައްދުންނެވެ.

"ޝާކް ކޭވް" ގެ ނަމުން މަޝްހޫރުވެފައިވާ ތިންވަނަ ހޮހަޅައިގެ އެތެރޭގެ ބިރުވެރި މަންޒަރުތައް މިހާރު ވަނީ ވީޑިއޯއަކުން އާންމުވެފައެވެ.

މާލެއާ ގާތްގަނޑަކަށް 60 މޭލު ދުރުގައި އޮންނަ ކަނޑުއަޑީގެ މި ހޮހަޅައަކީ 60 މީޓަރުގެ ދިގުމިން ހުންނަ، ތިން ބަޔަކަށް ބެހިފައިވާ ތަނެކެވެ.

އާންމުވެފައިވާ ބިރުވެރި ވީޑިއޯއިން ފެންނަ ގޮތުގައި، ފީނުންތެރިއަކު އެ ހޮހަޅައިގެ ތެރޭގައި ހުރި ހަނި އަދި ގުދު މަގުތަކުން ދަތުރުކުރެއެވެ.

އެ ހޮހަޅައިގެ ތެރެއިން އެއްވެސް ދިރުމެއް ނުފެންނައިރު، ފެންނަނީ ހަމައެކަނި މަޑިއެއް އެ ސަރަހައްދުގައި އުޅޭ މަންޒަރެވެ.

160 ފޫޓު އަޑީގައި ހުރި މި ނުރައްކާތެރި ހޮހަޅައަށް ފީނުމުގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން ތަފާތު ތިއަރީތަކެއް މިހާރު ދަނީ ދެކެވެމުންނެވެ.

އޭގެ ތެރެއިން އެއް ކަމަކީ އެ ދަތުރު ދިޔަ ދުވަސްވަރު އަތޮޅުގެ މޫސުން ގޯސްވެފައި އޮތުމެވެ.

އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން، ރާއްޖޭގެ އެ ސަރަހައްދަށް ގަޑިއަކު 30 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ރީނދޫ ސަމާލު އޮތީ ނެރެފައެވެ.

މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކަލް "ލާ ރިޕަބްލިކާ" ނޫހަށް ބުނި ގޮތުގައި، އޭނާގެ އަންހެނުންނަކީ ދުވަހަކުވެސް ފަރުވާކުޑަކޮށް އަމިއްލަ ދަރިފުޅުގެ ނުވަތަ އެހެން މީހެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅާނެ މީހެއް ނޫނެވެ.

"އެތާ އަޑީގައި ކޮންމެވެސް ކަމެއް ހިނގައިފި،" ކާލޯ ބުންޏެވެ.

މޮނިކާ އާއި މުރިއަލް އެ ދަތުރު ދިޔައީ ދިރާސާއެއް ކުރުމަށްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ކާލޯ އޭނާގެ އަންހެނުން ސިފަކުރީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފީނުންތެރިޔާގެ ގޮތުގައެވެ. އަދި މޫސުމީ އިންޒާރެއް އޮތްކަން އެނގޭނަމަ އޭނާ އެ ރިސްކް ނުނަގާނެ ކަމަށް ކާލޯ ބުންޏެވެ.

އޭނާ ބުނީ މޫސުމީ އިންޒާރެއް އޮތް ނަމަ، އެ މީހުން ފީނަން ދިޔައީ އެ އިންޒާރު ނެރުމުގެ ކުރިން ކަމަށް ވެދާނެ ކަމަށެވެ.

ފުން ކަނޑުތަކަށް ފީނުމުގައި 30 އަހަރު ހޭދަކޮށްފައިވާ އެމެރިކާގެ ތަޖުރިބާކާރަކު ކަމަށްވާ މާކް ރަންޑާޒާ އެކްސްގައި ބުނީ، "މި ފީނުންތެރިން މޫދަށް އެރުނު ވަގުތުން ފެށިގެންވެސް ތިބީ މަރުވެފައި. އާދައިގެ އިކުއިޕްމަންޓާއި ހާއްސަ ގޭސް މިކްސްއެއް ނެތި 150 ފޫޓު އަޑިއަށް ދިއުމަކީ މަރުވުން ފަދަ ކަމެއް،" ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އެ މީހުން ބިރުގަތަސް ނުގަތަސް، އެނބުރި އައުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، އެ ޑައިވް ޕްލޭންގެ ނަތީޖާއަކީ އެންމެން މަރުވުން ކަމަށެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެކަކުގެ ހަށިގަނޑު ނެގުމަށްފަހު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޯދީ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލުންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ހިމެނޭ ފިންލޭންޑުގެ މާހިރުންގެ ޓީމުންނެވެ.

ދިވެހި ސަރުކާރުގެ ތަރުޖަމާނު ބީބީސީއަށް ވިދާޅުވީ، ހަށިގަނޑުތައް ނެގުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޑައިވްތައް ކުރާނެ ކަމަށެވެ.

އަދި މި މަސައްކަތަށް ބޭނުންވާ ހާއްސަ ސާމާނު އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ފޯރުކޮށްދެމުންދާ ކަމަށާއި، އޭގެ ތެރޭގައި އަންޑަރވޯޓަރ ސްކޫޓަރާއި ވައި ރިސައިކަލް ކުރެވޭ ގޭސް ޓޭންކްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަށިގަނޑުތައް ނެގުމަށް ކުރާ ކޮންމެ ޑައިވްއަކަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާއިރު، އެއްވެސް ހުރަހެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެ މަސައްކަތް ހުއްޓާލައެވެ.

މާހިރުންނަށް ހަށިގަނޑުތައް ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފުން ސަރަހައްދުންނެވެ.

ނަމަވެސް މިހާރު ކުރިއަށްދަނީ އެ ހަށިގަނޑުތައް އެއްގަމަށް ގެނައުމުގެ އެންމެ އުނދަގޫ މަރުހަލާއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އުންމީދު ކުރަނީ އަންގާރަ ދުވަހު ދެ ހަށިގަނޑު އަދި ބުދަ ދުވަހު ބާކީ އޮތް ދެ ހަށިގަނޑު ނެގޭނެ ކަމަށެވެ.

މި އޮޕަރޭޝަނާ ހަވާލުވެފައިވާ ޑައިވިންގ ސޭފްޓީ އޯގަނައިޒޭޝަން، ޑޭން ޔޫރަޕުން ބުނީ، ވ. އަތޮޅު ދެކުނު ކަނޑު ސަރަހައްދުގައި ކުރި ޓެކްނިކަލް ކޭވް ޑައިވްއަށްފަހު، އެ މިޝަންގެ ފުރަތަމަ އަމާޒު ކާމިޔާބުވެފައިވާ ކަމަށެވެ.

އަދި މިއީ ޓެކްނިކަލް ގޮތުންނާއި ނަފްސާނީ ގޮތުން އުނދަގޫ، އަދި އޮޕަރޭޝަނަލް ގޮތުން ބަލާއިރު ވަރަށް ކޮމްޕްލެކްސް މަސައްކަތެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނީ ވަރަށް ނާޒުކު ރިކަވަރީ މަރުހަލާތައް ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

ޑޭން ޔޫރަޕުން 48 ގަޑިއިރު ތެރޭގައި އެކުލަވާލި މި ޓީމުން ވަނީ ވ. އަތޮޅު އަލިމަތާ ކައިރީގައިވާ ހޮހަޅަތައް ބަލާފައެވެ.

2004 ވަނަ އަހަރުން ފެށިގެން ކޭވް ޑައިވިންގ ކުރާ ޕާކަރިނެން އާއި ގްރޮންކްވިސްޓް އަކީ 2014 ވަނަ އަހަރު ނޯވޭގައި ހިނގި ޕްލޫރާ ހާދިސާގައި ސަލާމަތްވި ފީނުންތެރިން ނެގުމުގައި ބައިނަލްއަގުވާމީ ސަމާލުކަން ހޯދި ދެ މީހުންނެވެ.

ފިންލޭންޑުގެ މި ޓީމަށް 500 ފޫޓު އަޑިއަށް ފީނުމުގެ ގާބިލުކަން ހުރިއިރު، މިއީ ފަތުރުވެރިން ތިބި ތަން ހޯދުމަށް ލިބުނު ބޮޑު އެހީއެކެވެ.

ނަމަވެސް މި މަސައްކަތަކީ އިންތިހާއަށް ނުރައްކާތެރި މަސައްކަތެކެވެ.

ހޮނިހިރު ދުވަހު، ހަށިގަނޑުތައް ނެގުމަށް މަސައްކަތް ކުރި ދިވެހި ސިފައިންގެ ފީނުންތެރިއަކު ވަނީ ނިޔާވެފައެވެ. މިއާއެކު މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ.

ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ  ނިޔާވީ ޑިކޮމްޕްރެޝަން އިލްނެސް ނުވަތަ މާ އަވަހަށް ލޮނުގަނޑުން މައްޗަށް އެރުމުގެ ސަބަބުން ލޭގެ ތެރޭގައި ބޮކި އުފެދިގެންނެވެ.

އިޓަލީގެ ފަސް ފީނުންތެރިން މަރުވި ސީދާ ސަބަބު އެ ގައުމުގެ ފޮރިން މިނިސްޓްރީން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މި ފަސް މީހުން ގެއްލުނުއިރު، "ޑޫކް އޮފް ޔޯކް" ސަފާރީގައި އިތުރު 20 ފަތުރުވެރިން ތިއްބެވެ.

މި ބިރުވެރި ހާދިސާއަށްފަހު އެ އެންމެން މިހާރު ވަނީ އިޓަލީއަށް އެނބުރި ގޮސްފައެވެ.

ނަމަވެސް، "ޑޫކް އޮފް ޔޯކް" ސަފާރީއަށް 100 ފޫޓަށްވުރެ އަޑިއަށް ފީނުމުގެ ހުއްދަ ނެތްކަން މިހާރު ވަނީ ހާމަވެފައެވެ.

އިޓަލީގެ ޓީމު ފެނިފައިވަނީ 160 ފޫޓު އަޑިން ކަމަށްވާއިރު، މިއީ ގަވާއިދާ ހިލާފު ކަމެކެވެ.

އެމްއެންޑީއެފްގެ ކުރީގެ ތަޖުރިބާކާރު ފީނުންތެރިޔާ ޝަފްރާޒް ނައީމް ބުނި ގޮތުގައި، އެހާ ފުން ސަރަހައްދުތަކަށް ފީނޭނީ ހަމައެކަނި އެންމެ ތަޖުރިބާކާރު ފީނުންތެރިންނަށެވެ.

"އަހަރެން އަލިމަތާ ހޮހަޅަތަކަށް މަދުވެގެން 50 ފަހަރު ފީނައިފިން، އެއީ ރަނގަޅު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ސާމާނު ބޭނުންކޮށްގެން،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ކޮންމެ ފަހަރަކީވެސް ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، ނަމަވެސް އެކަމުގައި ހުރި ބޮޑެތި ނުރައްކާތައް އޭނާއަށް އެނގޭ ކަމަށެވެ. އަދި އެފަދަ ތަންތަނަށް ފީނާއިރު ތަޖުރިބާ އާއި ރައްކާތެރިކަން މުހިންމު ކަމަށާއި، އޭނާ އަބަދުވެސް ބޭނުންކުރަނީ ރަނގަޅު ގޭސް މިކްސް އާއި ބެކަޕް ސިސްޓަމްތައް ކަމަށް އޭނާ ބުންޏެވެ.