އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކާށިދޫ އަދި ގާފަރު އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކޮށްފި އެވެ. 

ހޯމަ ދުވަހު އެ ދެ ރަށަށް ވަޑައިގެން މީކާއިލް ވަނީ ކާށިދޫ އަދި ގާފަރުގެ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކޮށް ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ތާއިދު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ވެސް ބާއްވާފަ އެވެ.  

ކެމްޕޭން ހަރަކާތާއި ގުޅިގެން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އިތުބާރު ކެމްޕެއިނުގެ ކާށިދޫ އަދި ގާފަރުގެ ދަތުރު ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި ކާށިދޫއާއި ގާފަރުންވެސް އެމް.ޑީ.ޕީގެ ޢާއްމު މެންބަރުން ހަމަ ތަކުރާރުކޮށް އެއް އަޑަކުން ބުނަމުންދަނީ ޕާޓީ ބައިބައިވިޔަ ނުދިނުމަށް ކަމަށާއި، ޕާޓީގެ އެއްބައިވަންތަކަން ގެއްލުނަ ނުދިނުމަށް ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަކީ، ހުރިހާ ކެޑިޑޭޓުންނަށްވެސް އިންސާފުވެރި، ހަމަހަމަ ފުރުޞަތެއް އޮންނާނެ، ޕްރައިމަރީއަކަށް ހަދައިދޭނެ ޗެއަރޕަރސަނެއް ހޮވަން އެ ބޭފުޅުން ބޭނުންވާ ކަމަށެވެ. 

ކާށިދޫ އިންވެސް އަދި ގާފަރުންވެސް އެ ބޭފުޅުން އެއް ކަމެއް އެބަ ޔަޤީންކޮށްދޭ. އެ ބޭފުޅުން ބޭނުންވަނީ ޕާޓީގެ ހުންގާނު ހަވާލުކުރަން. ކުރިންވެސް ދެންވެސް އަދި ފަހުންވެސް އެ ބޭފުޅުންނާއެކު ހުންނާނެކަމުގެ އިތުބާރު އެ ޔަޤީންކަން އޮތް މީހަކާކަން އެ ބޭފުޅުން ހަމަ ތަކުރާރުކޮށް އެބަ ވިދާޅުވަމުންގެންދެވޭ. އެހެންވީމާ، އިތުބާރަށް ކާށިދޫ އަދި ގާފަރުން ބޯކޮށް ވޯޓު އަޅާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ އެމް.ޑީ.ޕީގެ އާއްމު މެންބަރުން ބޭނުންވަނީ އެމް.ޑީ.ޕީއާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން އޮތް ޗެއަރޕާސަނެއް ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެމް.ޑީ.ޕީގެ ޢާއްމު މެންބަރުންނަށް ފާހަގަވަނީ ގޭހެއް ނުލިބޭ، ބޭހެއް ނުލިބޭ، ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލަމުންނޭ މި ދަނީ ބުނަމުން އަންނަ މީހަކު ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އޮތީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.