އެކިއެކި
އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަރަށް ގިނަ
އިދާރާތަކުން ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާކަމަށް އިންފޮމޭޝަން
ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ރައީސް އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

އާހިދު
އެފަދައިން ވިދާޅުވީ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަކަށް ޖަވާބު
ނުދީގެން ރާއްޖެޓީވީން ޝަކުވާ ހުށަހެޅުމުން ބޭއްވި އަޑުއެހުމުގައި ވާހަކަ
ދައްކަވަމުންނެވެ.  

ރާއްޖެޓީވީން
ކުރި ސުވާލަކީ އަމިއްލަ ވިޔަފާރިތަކަށް  ދައްކަންޖެހޭ 1 އަހަރަށްވުރެ
ގިނަ ދުވަސްވެފައި ހުރި ފައިސާ އެބަހުރިތޯއާއި، އަދި އެއީ ކިހާވަރެއްތޯއެވެ. އެއީ
26 ޖޫން 2025 ގައި ހުށަހެޅި އާރްޓީއައިއެކެވެ.

އެކަން
ފާހަގަކުރުމުން މިނިސްޓްރީން ވަނީ އެ މައުލޫމާތު ސާފުކުރުމަށް ވަގުތު ބޭނުންވާކަމަށް
ބުނެފައެވެ. އަދި ސުވާލުގައި ސީދާ ވަކި ތާރީޚެއް ނެތުމުން ރާއްޖެޓީވީން މައުލޫމާތު
ހޯދަން އެދުނު މުއްދަތު ސާފުނުވީކަމަށް، 10 މަސް ފަހުން މިނިސްޓްރީން އައިކޮމްއަށް
އައިސް ދިން ޖަވާބުގައި ވަނީ ބުނެފައެވެ. ނަމަވެސް އެއީ ބަލައިގަނެވޭ ސަބަބެއް
ނޫންކަން އާހިދު ފާހަގަކުރިއެވެ.

އާހިދު ވިދާޅުވީ،
ވަރަށް ގިނަ އިދާރާތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާ ކަމަށާއި،
އެކަން ކުރަމުންދަނީވެސް ޤާނޫނުގައި ބުނާ ގޮތަކަށް ނޫން ކަމަށެވެ. އާހިދު ވިދާޅުވި
ގޮތުގައި މުއްދަތު އިތުރު ކުރުމަށްފަހު ދެން ލިބޭ ޖަވާބަކީ އެ މައުލޫމާތަކީ ދެވެން
ނެތް މައުލޫމާތެއްކަމަށެވެ. އަދި އެއީ ޤާނޫނުގައި އޮތް މުއްދަތުގެ ތެރޭގައިވެސް ބުނެވެން
އޮތް އެއްޗެއްކަން އާހިދު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގިނަ އިދާރާތަކުން މިހާރު މިގޮތަށް އަމަލުކުރަމުންދާތީ މިކަން ފާހަގަކޮށްލަންޖެހެނީ، މުއްދަތު އިތުރުކުރުމަށް އެ ނުކުތާ ނަންގަވާފައި ދެން ހޯދަން އެދުނު މައުލޫމާތު ދެވެން ނެތްކަމަށް ބުނެގެން ނުވާނެ، މިހާރު ބައެއް އިދާރާތަކުން ކުރަމުންދާ ކަމެއް އެއީ މުއްދަތު އިތުރުކޮށްފައި ދެން ޖަވާބުދޭއިރު މިވެނި މައުލޫމާތެއް މިވެނި ސަބަބަކާހުރެ އަޅުގަނޑުމެންނަށް ދޫކުރެވޭކަށް ނެތޭ، އެހެން ބުނެވޭކަމަށްވަންޏާ އެކަން ކުރެވޭނެ 21 ދުވަހުގެ މުއްދަތުގެ ތެރޭގައިވެސް.
އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު.

އާހިދު ވަނީ
އީދު ބަންދު ނިންމާފައި ދެން ހުޅުވޭ ހަފްތާގައި ރާއްޖެޓީވީން ހޯދަން އެދިފައިވާ މައުލޫމާތު ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައެވެ.