އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި އައިޝަތު އީޝާ އަޝްރަފްގެ މައްޗަށް ދައުވާ ކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ. 

 ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުކޮށްފައިވަނީ  2026 މާރޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ގަޛުފުކޮށް، އައިޝާ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްރީގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށެވެ. 

އީޝާއަށް ދައުވާ ކުރުމާމެދު ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ، މި މައްސަލައިގައި އީޝާއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި، މި މައްސަލައިގައި އީޝާގެ ތަހުގީގުގެ ބައި އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

 މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފައެވެ. އަދި މިހާރު އެމީހުންގެ މައްޗަށް ވަނީ ގަޛުފުގެ ދައުވާވެސް އުފުލާފައެވެ.