ފިނޭންސް
މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަކަށް ޖަވާބު ނުދީގެން ރާއްޖެޓީވީން އިންފޮމޭޝަން
ކޮމިޝަނަރުގެ އޮފީސް (އައިކޮމްއަށް) ޝަކުވާ ހުށަހެޅުމުން ބޭއްވި އަޑުއެހުން ހޯމަ
ދުވަހު އައިކޮމްގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި ރާއްޖެޓީވީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު އަދި ޕްރޮގްރާމް ހެޑު އާމިރު ސަލީމެވެ.
ހޯމަ
ދުވަހުގެ އަޑުއެހުން ފައްޓަވަމުން އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ،
އާރްޓީއައިއަށް ޖަވާބު ނުދީގެން ރާއްޖެޓީވީން ޝަކުވާ ހުށަހެޅި ފަހުން 11 މެއި 2026
ގައި މިނިސްޓްރީން ޖަވާބު ފޮނުވާފައިވާ ކަމަށެވެ. އަދި އެއީ ހުށަހެޅުން ހުށަހެޅިތާ
321 ދުވަސް (10 މަހާއި 17 ދުވަސް ފަހުން) ކަމަށްވެސް އާހިދު ވިދާޅުވިއެވެ.
ޖަވާބު ދިނުން
ލަސްވި ސަބަބެއްކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު (އައިއޯ) ވިދާޅުވީ، އާރްޓީއައި
ހުށަހެޅި ދުވަސްވަރު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ބަދަލުވެގެން އިދާރީ
ދަތިތަކެއްގެ ސަބަބުން ލަސްވީ ކަމަށެވެ.
މިނިސްޓްރީގެ
އައިއޯ ވިދާޅުވީ، އާރްޓީއައިއަށް ޖަވާބު ދިނުމުގައި ލަސްވެފައިވާކަން ޤަބޫލު ކުރާ
ކަމަށާއި، އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި މިކަން ސަމާލުކަމަށް އައީވެސް
މައްސަލަ ރަޖިސްޓަރ ކޮށް، އަޑުއެހުމާ ހިސާބަށް އައުމުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާއަކީ
ވަރަށް ފަހުން އައްޔަނުވި އިންފޮމޭޝަން އޮފިސަރެއްކަންވެސް ފާހަގަކުރިއެވެ.
އެކަމާ
ގުޅިގެން އާހިދު ވިދާޅުވީ، އައިއޯ ބަދަލުވެއްޖެނަމަ ނުވަތަ އޮފިސަރު ނެތް ޙާލަތުގައިވެސް
އަމަލު ކުރަންޖެހޭ ގޮތް ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަން އައިކޮމްއަށް
އަންގައި، 5 ދުވަހުގެ ތެރޭގައި އައު އައިއޯ އައްޔަނު ކުރަންވެސް ޤަވާއިދުން
ލާޒިމުކުރާ ކަމަށެވެ. އަދި ޤަވާއިދުގެ އެ މާއްދާއާ މިނިސްޓްރީން ޚިލާފުވެފައިވާކަންވެސް
އާހިދު ފާހަގަ ކުރެއްވިއެވެ.
މީގެ
އިތުރުން، މިނިސްޓްރީން ދީފައިވަނީވެސް ރާއްޖެޓީވީން ކުރި ސުވާލުގެ ޖަވާބެއް
ނޫންކަން އާހިދުވެސް އަދި ރާއްޖެޓީވީންވެސް ފާހަގަކުރިއެވެ. އެގޮތުން މިނިސްޓްރީން
ހިއްސާކޮށްފައިވަނީ މި ހިނގަމުންދާ 2026 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް
މަހުގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކަށް ދައްކާފައިވާ ޖުމުލަ ފައިސާގެ އަދަދެވެ.
އެ މުއްދަތުގައި
2.3 ބިލިއަން ދިވެހި ރުފިޔާ ދައްކާފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ
ބިލުތަކުގެ ތެރެއިން އޮޑިޓް ކްލިއަރެންސް ނުލިބުމުގެ ސަބަބުން ފައިސާ ނުދެއްކި
ލަސްވާ ބިލުތަކަށް އޮޑިޓަރ ޖެނެރަލްއާ މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަމުންދާކަމަށާއި،
އެއީ މިހާރު ކުރިއަށްދާ މަސައްކަތަކަށްވާތީ އެކަމުގެ އިތުރު ތަފްސީލީ މައުލޫމާތު ދެވެން
ނެތްކަމަށްވެސް ޖަވާބުގައި ބުނެފައިވެއެވެ.
ނަމަވެސް
ރާއްޖެޓީވީން ކުރި ސުވާލަކީ އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ 1
އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ފައިސާ އެބަހުރިތޯއާއި، އަދި އެއީ ކިހާވަރެއްތޯއެވެ.
އެއީ 26 ޖޫން 2025 ގައި ހުށަހެޅި އާރްޓީއައިއެކެވެ.
އެކަން
ފާހަގަކުރުމުން މިނިސްޓްރީން ވަނީ އެ މައުލޫމާތު ސާފުކުރުމަށް ވަގުތު ބޭނުންވާކަމަށް
ބުނެފައެވެ. އަދި ސުވާލުގައި ސީދާ ވަކި ތާރީޚެއް ނެތުމުން ރާއްޖެޓީވީން މައުލޫމާތު
ހޯދަން އެދުނު މުއްދަތު ސާފުނުވީކަމަށް، 10 މަސް ފަހުން މިނިސްޓްރީން އައިކޮމްއަށް
އައިސް ދިން ޖަވާބުގައި ވަނީ ބުނެފައެވެ. ނަމަވެސް އެއީ ބަލައިގަނެވޭ ސަބަބެއް
ނޫންކަން އާހިދު ފާހަގަކުރިއެވެ.
ރާއްޖެޓީވީންވެސް
ވަނީ ސުވާލު ފޮނުވާތާ އެތައް މަހެއް ފަހުން ޖަވާބު ދިނުމުން އެކަމުގެ މުއާލާތް
ކެނޑި، މައުލޫމާތު ހޯދުމުގެ ޙައްޤަށް އުނިކަން އަންނަކަން ފާހަގަކޮށްފައެވެ.
އެގޮތުން މީޑިއާއަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ލިބޭ ޙައްޤަށްވެސް އެކަމުގެ
ސަބަބުން ހުރަސްތައް ކުރިމަތިވާކަމަށް ރާއްޖެޓީވީން މި އަޑުއެހުމުގައި ވަނީ
ބުނެފައެވެ.
ދެފަރާތުން
ދެއްކި ވާހަކަތަކަށް ރިއާޔަތަކޮށް އާހިދު ވަނީ އީދު ބަންދު ނިންމާފައި ދެން ހުޅުވޭ
ހަފްތާގައި އެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައެވެ.