އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރު ކޮށްލުމަށް ނިންމި ނިންމުން ރިވިއުކޮށްދިނުމަށް ހުށަހަޅައިފިއެވެ. 

މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި ކުރައްވައި ފޮނުވި ނިންމުމުގައި ބުނެފައިވަނީ، ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ  އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށްކަން ފާހަގަކޮށް ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ ޙައްޤު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައި މިވަނީ އަދަދު ނޫހުގެ ނޫސްވެރިން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނެ ކޮށްފައިވާ ޙުކުމުގެ އިސްތިއުނާފު މައްސަލައާއި، އެ ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފުގެ މައްސަލަތައް ރަޖިސްޓްރީ ކޮށްދެއްވައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކޮށްދިނުމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައިވާތީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ހުށަހަޅާފައެވެ. 

ނޫސްވެރިންގެ ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މި އަމުރަކީ އެންމެންގެ މައްޗަށް ނިސްބަތްވާ އަމުރެއް ކަމަށާއި، މި އަމުރާ ޚިލާފުވިކަމަށް ބުނެ ޖަލަށްލާފައިވަނީވެސް މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެކަމުންވެސް ދޭހަވަނީ އަމުރު އެހެން މީހުންގެ މައްޗަށް ހިނގާކަން ކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން، އެމްޖޭއޭއަކީ ނޫސްވެރިންގެ ޙައްޤުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްކަން އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބެލުމުންވެސް އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބަލާއިރު، މައްސަލައަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާކަން އެނގޭކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެމްޖޭއޭއިން އެދުނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްދީ މި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމަށެވެ.