ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ، ދައުރު ދަންމާލުމަށްފަހު ބޭއްވުމަށް ތާވަލުކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ. 

2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު ގަވާއިދުގައިވާ ގޮތުގެ މަތިން ދައުރު ނިންމާ ޖަލްސާ ބާއްވަނީ އެ ދައުރުގެ ތެރޭގައި އޮންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުގަ އެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބޭއްވި ނަމަވެސް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ،  މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ ދައުރު ދަންމާލުމަށް ހުށަހަޅުއްވައިފަ އެވެ.

58 މެންބަރުންގެ އަޣުލަބިއްޔަތުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ދަންމާލުމަށް ބުރާސްފަތި ދުވަހު ނިންމި އިރު ދައުރު ދަންމާލަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. 

ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު ޖަލްސާ ކެންސަލް ކޮށްފައިވާ ސަބަބު ހާމަ ކޮށްފައެއް ނުވެ އެވެ. 

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އިން ވަނީ މަޖިލީހުގެ ދައުރު ދަންމާލުމަށްފަހު ވެސް ޖަލްސާ ނުބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ދައުރު ދަންމާލީ މުހިއްމު މަސައްކަތެއް ހުރެގެން ނޫން ކަމަށެވެ. އަދި އެއީ ޖަލްސާތައް ބާއްވާ، މަސައްކަތް ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ވެސް ނޫން ކަމަށް މެންބަރު ތުހުމަތު ކުރެއްވި އެވެ. 

ޝަމްހީދު ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާތީ ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާއިރު އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ. 

ގާނޫނު އަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އަދި އެ މައްސަލައިގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެ އެވެ. ނަމަވެސް އޭނާއާ ގުޅޭ ވޯޓުގައި ބައިވެރިނުވެވޭނެ އެވެ. 

ޝަމްހީދު ވިދާޅުވީ ދައުރު ދަންމާލާފައިވާއިރު ޖަލްސާތައް ބާއްވައިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނާޒިމް ވަކިކުރަން މައްސަލަ ހުށަހަޅާފައިވާއިރު އީދު ބަންދަށް ފަހު ޖަލްސާ ބާއްވާނެ ކަމަށް ބެލެވޭ ކަމަށާ އެއީ އެހާތަނަށް ގާނޫނުގައި ބުނާ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވާނެތީ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަ އެކަން ނުބެލުނީސް ކަމަށާ ދައުރު ދަންމާލި ހަމައެކަނި ބޭނުމަކީ ވީހާވެސް އަވަހަކަށް ނާޒިމްގެ މައްސަލަ ނިންމުން ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވި  އެވެ. 

ނާޒިމް ވަކިކުރަން ހުށަހެޅީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ވަކި ސިޔާސީ ފިކުރަކަށް ބުރެވެ، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީފައިވާތީ ކަމަށް، އެމަނިކުފާނު ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވެ އެވެ.