މި
ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި
މަގުތަކަށް ނުކުމެ އުޅެނީ އެމްޑީޕީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން
ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން
 ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން
ރައީސް ޔާމީނު ވިދާޅުވީ، އެމްޑީޕީއަށް ފާޑުވިދާޅުވުމަށްފަހު އެމަނިކުފާނު
އެމްޑީޕީއާއެކު މަސައްކަތް ކުރައްވަން ނިންމެވުމާއެކު މި ސަރުކާރުގެ ބޭފުޅުން
އެކަމަށް ފާޑުކިޔަމުންދާ ކަމަށާއި، ނަމަވެސް މި ސަރުކާރަށް ތާއީދު ކުރެވެން ނެތް
ކަމަށެވެ.

އެކަމުގެ
ސަބަބެއްގެ ގޮތުގައި ވިދާޅުވީ، މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ
ބޮޑުވުމެވެ.

މިބޭފުޅުން ހިތްނުތަނަވަސްވެގެން މި އުޅެނީ އެމްޑީޕީއަށް އަޅުގަނޑު އެވަރަށް ފާޑު ކިޔާފައި އެމީހުންނާ ގުޅުނީމާ، އެކަމަކު އެކަންވެސް އޮތްގޮތަކީ އަޅުގަނޑު ތާއީދުކުރާ ބޭފުޅުންނަށް ދަންނަވާނަން، އަޅުގަނޑަކަށް ނެތޭ މިބޭފުޅުންނަށް (މިސަރުކާރަށް) ތާއީދު ކުރެވޭކަށް، މިބޭފުޅުންގެ ޣައްދާރުކަމާ ހިޔާނަތް މާ ބޮޑޭ، މިބޭފުޅުން ވެރިކަމުގައި މި ތިބީ އެއްކަލަ ހުސް ގޮނޑީގެ ޖާދުލުގައޭ، އެއަށްވުރެ ބޮޑު ޣައްދާރުވުމެއް ކޮބައިތޯ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް
ޔާމީނު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ޙައްޤުތަކެއް ހޯދައިދޭން މިއަދު
މަގުމައްޗަށް ނުކުމެ އުޅެނީ ހަމައެކަނި އެމްޑީޕީ ކަމަށާއި، ޙައްޤުތައް ގެއްލިގެން އުޅޭ
މި ދަނޑިވަޅުގައި އެމްޑީޕީއާއެކު ނުނިކުންނަންވީ ސަބަބެއް ނެތް ކަމަށެވެ.

އެކަމަކު ރައްޔިތުންނަށް ޙައްޤުތަކެއް ހޯދައިދޭން ހަމަ މަގުތަކަށް ނުކުމެ އެ އުޅެނީ އެމްޑީޕީއޭ، އެހެން ބަޔަކު ނޫޅެއޭ، އެހެންވީމާ މިހާރު މި އުޅެނީ އެންމެ ބޮޑު ޙައްޤު ގެއްލިގެން، އެހެންވީމާ ކީއްވެގެންތޯއޭ އަޅުގަނޑު އެމްޑީޕީއާއެކު މަސައްކަތް ނުކުރަންވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް
ޔާމީނު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުން ސާބިތުކަމާއެކު ތިބުމަށް އެދިލައްވާފައެވެ.
އަދި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޤައުމީ މަސައްކަތްތަކެއްކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ޤައުމު ހަމަ މަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.  އެގޮތުން  ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.