މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، ރާއްޖެ ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އިންސައްތަ އަދިވެސް ދަށަށް ދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 66،700 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 58،251 ފަތުރުވެރިންނެވެ. މިއީ 12.7 އިންސައްތައިގެ ދަށްވުމެކެވެ. 

އޭގެ އިތުރުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 909،474 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 859،687 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 5.5 އިންސައްތަ ދަށް އަދަދެކެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 839،620 ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް އައި 6،259 މީހުންގެ އިތުރުން ކްރޫޒްލައިނާތަކުން އައި 13،808 ފަސިންޖަރުންނެވެ. މިއަހަރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ 6،464 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނާ އަޅާބަލާއިރު ވެސް ދަށް އަދަދެކެވެ. 

2025 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،838 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. 

ރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށްވެފައި، ފަތުރުވެރިން އަންނަ މިންވަރަށް އަންނަ މިފަދަ ބަދަލުތަކަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.