މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އެކައުންޓްގައި 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 16.7 މިލިއަން ރުފިޔާ އަކީ ކޮން ފަންޑުތަކަކަށް ނިސްބަތްވާ ފައިސާކަން އެނގެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން ނެރެފައިވާ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ކައުންސިލްތަކުގެ މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައި އެ ފައިސާއާ އެންމެ އެކަށޭނެ ފަންޑުގައި ރެކޯޑުކުރުމާއި، ފައިސާ ބަލައިގަތުމާއި ޚަރަދުކުރުމުގައި ބޭނުންކުރަންޖެހޭ ފަންޑުތައް އެލްޖީއޭ އިން ކަނޑައަޅާފައިވާ ކަމާށެވެ. އަދި މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ކައުންސިލްގެ ބަޖެޓާ މާލީ ބަޔާންތައް ތައްޔާރު ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓް ގައި ބުނީ އިދާރާއިން ފަންޑުތަކުގެ ބާކީ ބަލަހައްޓާފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން ކައުންސިލްގެ އިދާރާގައި ހުރި ފައިސާއަކީ ކޮން ފަރާތަކަށް ނިސްބަތްވާ ކިހާ ފައިސާއެއްކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

އެހެންކަމުން ކައުންސިލަށް ލިބޭ ހުރިހާ ފައިސާ އަކާ ކުރާ ޚަރަދެއް ކުރުމަށް ހުޅުވާފައިވާ އެކައުންޓްގައި 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 16،722،955 (ސޯޅަ މިލިއަން ހަތް ލައްކަ ބާވީސްހާސް ނުވަ ސަތޭކަ ފަންސާސް ފަހެއް) ރުފިޔާ އަކީ ކޮން ފަންޑުތަކަކަށް ނިސްބަތްވާ ފައިސާއެއްކަން އެނގެން ނެތްކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. 

އެހެންކަމުން އެކަންކަން ރަނގަޅު ކުރުމަށްޓަކައި ކައުންސިލްގެ އިދާރާ އިން ފައިސާ ބެލެހެއްޓުމުގައި އެ ފައިސާ އެންމެ އެކަށޭނެ ފަންޑުގައި ބެލެހެއްޓުމާއި ފައިސާ ބަލައިގަތުމާއި ޚަރަދުކުރުމުގައި ބޭނުން ކުރަންޖެހޭ ފަންޑުތަކުން ޚަރަދު ކުރުމަށާ އަދި ފައިސާގެ ހިސާބުތައް ރެކޯޑުކުރާ ފަންޑުތަކުގެ ބާކީ އެނގޭނެހެން ފަންޑުތަކުގެ ހިސާބު ބެލެހެއްޓުމަށް އެ އޮފީހުން ވަނީ ލަފާ ދީފަ އެވެ. 

މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތުތައް ވެސް ހިމަނާފައި ނުވާއިރު ކައުންސިލް އިދާރާއަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ބިމުކުލީގެ ގޮތުގައި ލިބެން ޖެހޭ ޖޫރިމަނާ ފައިސާއާއި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އިން އަނބުރާ ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައި ނުވާކަން ފާހަގަ ކޮށްފައި ނުވެ އެވެ.