ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ އެމަނިކުފާނުގެ މަސައްކަތްޕުޅު ހުރި ގޮތުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ މި ބައްދަލުވުން ތާވަލު ކުރެވިފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް ޕްރެސެ ފެށެން ގާތްވެފައި ވަނިކޮށް ކުއްލި ގޮތަކަށް ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެކަމަށް ނޫސްވެރިންނަށް އަންގާފައެވެ.
ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރި ސަބަބާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ރައީސްގެ މަސައްކަތްޕުޅު ހުރި ގޮތުން މިއަދު ޕްރެސް ނުދެއްވާނެ ކަމަށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށާއި، ބަންދު ދުވަހެއް، ނުވަތަ ދަތުރެއް، ނުވަތަ އެފަދަ ކަމަކާ ގުޅިގެން ބައްދަލުވުން ނުބޭއްވޭ ކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ފެށެން ގަޑިއިރަކަށްވެފައި ވަނިކޮށް މި ބައްދަލުވުން ކެންސަލްކުރީ ކުއްލި ގޮތަކަށް އައި ކޮން މަސައްކަތްޕުޅެއްގެ ސަބަބުންކަމެއް ސާފެއް ނޫނެވެ.