ފުވައްމުލައް ސިޓީގެ ޑައިވަރުން އެކުލަވާލައި، ސަރުކާރަށް ފޮނުވާފައިވާ ޑައިވިންއާ ގުޅިގެން އަމަލު ކުރަން ޖެހޭ ''ކޯޑް އޮފް ކޮންޑަކްޓް'' ވީހާ ވެސް އަވަހަށް ގެޒެޓް ކޮށް އާއްމު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

ބޮޑު ބަދަލު ކެންޕޭނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މީޑީއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ނަޝީދު ވިދާޅުވީ ފުވައްމުލައް ސިޓީ އަކީ ފަތުރުވެރިކަމަށް މަޝްހޫރު މަގުބޫލު މަންޒިލެއް ކަމަށެވެ. މި ސިނާއަތުގައި ފުވައްމުލައް އިތުރަށް ކުރިއަރަމުންދާއިރު، ޚާއްސަ ގޮތެއްގައި ޑައިވިންއަށް ދާ މީހުންގެ ވަރަށް މަގުބޫލު  މަންޒިލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ފުވައްމުލަކުގައި ހަރަކާތްތެރިވާ ގާބިލް ހުރިހާ ޑައިވަރުންގެ ބައިވެރިވުމާއެކު، އެކުލަވާލި ޑައިވް ކުރުމުގައި  އަމަލު ކުރަން ޖެހޭ ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވާފައިވާ ކަމަށާއި، މިހާރު އަހަރެއް ވާން ކައިރިވެފައިވާ ކަމަށެވެ. 

ނަމަވެސް އަދިވެސް އެ އުސޫލު ގެޒެޓް ކޮށް އާއްމު ނުކުރާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވީހާވެސް އަވަހަކަށް މި އުސޫލު ގެޒެޓް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. 

އެނގިވަޑައިގަންނަވާނެ މިހާރު ފުވައްމުލަކީ ޓުއަރިޒަމްގެ ވަރަށް މަޝްހޫރު މަގުބޫލު މަންޒިލެއް. ޚާއްސަ ގޮތެއްގައި ޑައިވިންއަށް ދާ މީހުން ވަރަށް ބޮޑަށް ފުވައްމުލަކަށް މަގުބޫލުކަން މިއޮތީ އުފެދިފައި. ފުވައްމުލަކުގެ ޑައިވަރުން ހުރިހާ އެންމެން އެކުގައި ވަނީ ކޯޑު އޮފް ކޮންޑަކްޓެއް ހަދާފައި. އެވަނީ ގެޒެޓް ކުރަން ސަރުކާރަށް ފޮނުވާފައި. ފޮނުވިތާ މިހާރު ވަރަށް ގިނަ ދުވަސް އަހަރަކާ ގާތް ކުރަނީ. އެހެންނަމަވެސް އަދިވެސް ގެޒެޓް ވެގެން ނާދޭ. މިހާރު މި ޑައިވިން ކަންތަކުގައި ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން އަދި އެފަދަ ކަންކަން ހުއްޓުމަކަށް ގެނެވޭނީ ވެސް ރަނގަޅު އަމަލުކުރަން ވީ އުސޫލުތަކެއް އެންމެންގެ މެދުގައި ގާއިމް ކުރެވިގެން. ފުވައްމުލަކުގެ ހުރިހާ ޑައިވަރުން ވެސް އެކުގައި ޑައިވް ސެންޓަރުތައް އެކުގައި މިވަނީ ކޯޑު އޮން ކޮންޑަކްޓެއް ހަދާފައި. އެހެންވީމަ އެ ކޯޑް އޮފް ކޮންޑަކްޓް އަވަހަށް ގެޒެޓް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް އެސިޓީގެ ރައްޔިތުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، މި މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ގޮތުގައި ސަޕޯޓު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް ނަޝީދު ވަނީ ފާޅު ކުރައްވާފަ އެވެ.