އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތައް ހައްލު ކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ރޯލު އަދާކުރި އިރު، އީރާނުގެ އަސްކަރީ މަތިންދާ ބޯޓުތައް ޕާކިސްތާނުގެ ވައިގެ ބަނދަރު ތަކުގައި ބަހައްޓަން ހުއްދަ ދީފައިވާ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ތުހުމަތު ކޮށްފި އެވެ.

މިކަމުގެ ސަބަބުން، މަސްރަހު ފިނި ކުރުމަށް ޕާކިސްތާނުން ކުރި މަސައްކަތުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދި، އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރީލް މަހުގެ ކުރީކޮޅު އީރާނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާންކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނުން ވަނީ ގިނަ އަދަދެއްގެ ބޯޓުތައް ޕާކިސްތާނުގެ ނޫރު ޚާން އެއާބޭސްއަށް ފޮނުވާފަ އެވެ.

އޭގެ ތެރޭގައި އީރާނުގެ ވައިގެ ސިފައިންގެ ޖާސޫސީ މަތިންދާބޯޓެއް ކަމަށްވާ 'އާރް.ސީ-130' ވެސް ހިމެނޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. ސެޓެލައިޓް ފޮޓޯތަކުން ވެސް މި ބޯޓުތައް އެ އެއާބޭސްގައި ހުރިކަން ކަށަވަރުވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އެ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުގެ ބޯޓުތައް ޕާކިސްތާނުގައި ހުރީ ހަމައެކަނި ސުލްހައިގެ ވާހަކަތަކަށް ބޭނުންވާ ޑިޕްލޮމެޓިކް މުވައްޒަފުންނާއި ސަލާމަތީ ޓީމުތައް އުފުލުމަށް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އަސްކަރީ ބޭނުމަކަށް ނުވަތަ ހަމަލާތަކުން ރައްކާތެރިވުމަށް ބަހައްޓާފައިވާ ބޯޓުތަކެއް ނޫން ކަމަށް ޕާކިސްތާނުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ސެނެޓަރ ލިންޑްސޭ ގްރަހަމް ވިދާޅުވީ، ޕާކިސްތާނުން އީރާނުގެ އަސްކަރީ މުދާތައް ރައްކާތެރިކޮށްދޭ ނަމަ، މެދުވެރިއެއްގެ ގޮތުގައި އެ ގައުމު ބޭނުންކުރުމާ މެދު އަލުން ވިސްނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ރައީސް ޓްރަމްޕް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ އާސިމް މުނީރުގެ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.

މި ހާދިސާއަކީ އެމެރިކާ، އީރާން އަދި ޗައިނާއާ ދެމެދު ޕާކިސްތާނުން ގެންގުޅޭ ނާޒުކު ޚާރިޖީ ސިޔާސަތަށް ކުރިމަތިވި އިތުރު ގޮންޖެހުމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެ އެވެ.