މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) ހޮވަން ނިންމައިފިއެވެ.
އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ އައު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު ނެގި ވޯޓުގައެވެ. އެގޮތުން މި މަޤާމަށް އޭނާގެ އިތުރުން 3 ކައުންސިލަރަކު ޝައުޤުވެރިކަން ފާޅުކުރިއެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭޭ)، މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ އަދި ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާއެވެ.
އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ މީކާއީލްއަށެވެ. އެގޮތުން މީކާއީލަށް ހަތް ވޯޓު ލިބިފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ސޯޅަ ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާތީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަގާ ވޯޓު ކާމިޔާބު ކުރާނީ މީކާއީލްކަމަށް ބެލެވެއެވެ.
ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދިއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.