އަދަދު ނޫހުން ނެރުނު
ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު
ހައިކޯޓުން ބޭރު ކޮށްލައިފި އެވެ.

މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޫސްވެރިންގެ
ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ
ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި
ކުރައްވައި ފޮނުވި ނިންމުމުގައި ބުނެފައިވަނީ، ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް
އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން
ނެތް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ  އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ
ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށްކަން ފާހަގަކޮށް
ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ ޙައްޤު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ
ފަރާތްތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައި މިވަނީ
އަދަދު ނޫހުގެ ނޫސްވެރިން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނެ ކޮށްފައިވާ ޙުކުމުގެ
އިސްތިއުނާފު މައްސަލައާއި، އެ ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން
ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފުގެ މައްސަލަތައް ރަޖިސްޓްރީ
ކޮށްދެއްވައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތުގެ
އަޑުއެހުންތައް ތާވަލުކޮށްދިނުމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.