ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕްތަކާއި ޚާއްސަ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ، މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ތެރޭގައި އިސްލާމީ ޝަރީއާ، ގުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާއާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެ އެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޒަކާތު ހައުސުން ބުނެ އެވެ. 

ރާއްޖޭން ބޭރުގެ ފުރުސަތުތައް ހުޅުވާލައިފައިވަނީ އަލް އަޒްހަރް ޔުނިވަރސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ(IIUM)، އިންސިފް (INCIEF)، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ(USIM)، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (UBD) އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (IIUI) ފަދަ ޔުނިވަރސިޓީތަކުންނެވެ.

ޒަކާތު ހައުސުން ބުނީ، މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޚާއްސަ ސްކޮލަރޝިޕް ސްކީމުތަކެއް ވެސް ތައާރަފު ކޮށްފައިވާކަން ފާހަގަކޮށް ޒަކާތު ހައުސްއިން ބުނީ، ސައުދީ އަރަބިއްޔާ އާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ޚާއްސަ 5 ސްކޮލަރޝިޕް ހިމެނޭ ކަމަށެވެ. 

ޒަކާތު ހައުސްއިން ބުނީ، މި ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއެކު، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާ އެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުތުތައް ހަމަވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށާއި، ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެންނުވާނެ ކަމަށް ޒަކާތު ހައުސުން ބުނެ އެވެ. 

މީގެ އިތުރުން ޒަކާތު ހައުސް އިން ބުނީ، ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި، ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމައު ތަރައްގީ ކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭ ކަމަށެވެ. 

އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސަރޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެ އެވެ. އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީންނެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026ގެ 14:00 އެވެ. އެޕްލިކޭޝަންތައް ފޮނުވާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.