އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކުން އިންތިޒާމްކޮށްގެން 2026 ވަނަ އަހަރުގެ އޭޝިއާ ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ގެ ތެރެއިން ޕްރިންސިޕަލުންނަށް ޚާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މެލޭޝިއާ އާއި ތައިލެންޑާއި ސިންގަޕޫރާއި އިންޑޮނީޝިއާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކް އިން ބާއްވަމުން އަންނަ މި ކޮންފަރެންސް ރާއްޖޭގައި މިފަހަރު ބާއްވަނީ ވަނީ މި މަހުގެ 15 ދުވަހުން ފެށިގެން ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

މި ފަހަރުގެ މި ކޮންފަރެންސްގައި ރާއްޖޭގެ 50 ދަރިވަރުންނަށް ފުރުސަތު ދީފައި ވެ އެވެ.

މި ކޮންފަރެންސްގެ ސައިޑް އިވެންޓް އެއްގެ ގޮތުގައި އާދީއްތަ ދުވަހު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ހަރަކާތެއް ބާއްވައި، މި ކޮންފަރެންސްގެ މައުލޫމާތު ހިއްސާކޮށް، ދަރިވަރުންނަށް ލިބިދެވޭނެ ފުރުސަތުތަކާ ބެހޭ ގޮތުން ތަފްސީލްކޮށް ހާމަ ކޮށްދީފައި  ވެ އެވެ. މި ބައްދަލުވުމުގައި ސުވާލާއި ޖަވާބުގެ ސެޝަނެއް ބާއްވައި، ޕްރިންސިޕަލުންގެ ސުވާލުތަކަށް ޖަވާބުދީފައި ވެ އެވެ. 

އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކުގެ ރައީސް މުހައްމަދު ފަހްރިޒާލް ވިދާޅުވީ، މި ކޮންފަރެންސަކީ ދަރިވަރުންނަށް ވަރަށް ގިނަ މުހިންމު ހުނަރުތައް ދަސްކުރެވޭނެ ތަނަވަސް ޕްލެޓްފޯމެއް ކަމަށެވެ. މި ކޮންފަރެންސްގެ ތެރެއިން ދަރިވަރުންނަށް ޕަބްލިކްގެ ސްޕީކިންގް ސްކިލްސް، ލީޑަޝިޕް ހުނަރު، މަޝްވަރާކުރުމުގެ ހުނަރު، އަދި ނެޓްވޯކިން ހުނަރުތައް ދަސްވެ، އެ ހުނަރުތައް އެދެވޭ ގޮތެއްގައި ބޭނުންކުރަން އެނގިގެންދާނެ ކަމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ކޮންފަރެންސްގައި އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު ކުދިންނަށް ޑައބްލިޔުއެޗްއޯގެ ކައުންސިލްގައި ބައިވެރިވެވޭއިރު އެ ކުދިންނަށް ދީފައިވާ މައުލޫއަކީ އާންމު ތަންތަނުގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމެވެ.

އަދި އުމުރުން 15 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ޔޫއެންޑީޕީގެ ކޮންފަރެންސްގައި ބައިވެރިވެވޭއިރު އެ މީހުންނަށް ކަނޑައަޅާފައި ވަނީ "ތިމާވެއްޓާ ރައްޓެހި (ފެހި) އިގްތިސާދަކަށް ބަދަލުވުމުގައި، އޮމާންކަމާއި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރުކުރުން" މި މައުޟޫ އެވެ. 

މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ މަރުކަޒުތަކުގައި ބާއްވަމުން އަންނަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގައި ދަރިވަރުން އދ. ގެ ތަމްސީލުވެލައްވާ ބޭފުޅުންގެ ރޯލްގައި ހަރަކާތްތެރިވެ، ބައިނަލްއަޤްވާމީ މައްސަލަތައް ބަހުސްކޮށް، ހައްލުތައް ހޯދުމަށް މަސައްކަތްކުރެ އެވެ. މި ތަޖުރިބާއަކީ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޑިޕްލޮމަސީއާއި، ދުނިޔޭގެ މައްސަލަތަކާ ބެހޭ ގޮތުން ވިސްނުން ފުޅާކުރެވޭނެ ވަރަށް މުހިންމު ފުރުސަތެކެވެ.

މިއަހަރުގެ މި ކޮންފަރެންސްގައި 250 ދަރިވަރުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ދަރިވަރުން ހިމެނެ އެވެ.