ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އާއި ޔުގެންޑާގައި
ފެތުރެމުންދާ އިބޯލާ ބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭން ޖެހޭ ސިއްހީ
ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)
އިން ކަނޑައަޅާފައިވާތީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް ހެލެތް މިނިސްޓްރީން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން މީޑިއާތަކުން
ސުވާލުކުރުމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގުޅުންހުރި ސްޓެކްހޯލްޑަރުންނާއެކު
މިވަގުތު ޙާލަތު މޮނިޓަރ ކުރަމުންދާކަމަށެވެ. އަދި މައުލޫމާތު ލިބެމުންދާވަރަކަށް
މީޑިއާތަކާ ހިއްސާކުރަމުން ދާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު
ކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ
"ޕެންޑެމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ މިންގަނޑަށް
މި ބަލި އަދި ފެތިފައިނުވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކުރެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ކޮންގޯ
އާއި ޔުގެންޑާގެ ސަރުކާރުން ފޯރުކޮށްދީފައިވާ މައުލޫމާތާއި، ސައިންޓިފިކް ހޯދުންތަކުގެ
މައްޗަށް ބިނާކޮށް، އިންސާނުންގެ ސިއްހަތަށް އޮތް ނުރައްކަލާއި ބައިނަލްއަގުވާމީ ދަތުރުފަތުރަށް
ކުރާނެ އަސަރުތަކަށް ރިއާޔަތްކުރައްވާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެ ދެ ގައުމުގެ
ވެރިން ދެއްވާ އަހަންމިއްޔަތަށާއި، ބަލީގެ ނުރައްކާ އޮތް މިންވަރު ދުނިޔެއަށް ހާމަކޮށްދިނުމުގައި
ގެންގުޅުއްވި ދެފުށް ފެންނަ ސިޔާސަތަށް ޑަބްލިއުއެޗްއޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ބަލިމަޑުކަން ކުއްލި ނުރައްކަލުގެ ހާލަތަކަށް
ބަދަލުވީ ބަލި ފެތުރޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން
2026 މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން
ލެބޯޓްރީން ކަށަވަރުކުރެވިފައިވާ އަށް ކޭސްއާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ
246 ކޭސްގެ އިތުރުން، ބަލީގައި މަރުވި ކަމަށް ބެލެވޭ 80 މީހުން ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން، ކޮންގޯއިން ދަތުރުކުރި ދެ މީހެއްގެ ހަށިގަނޑުން ޔުގެންޑާގެ ކަމްޕާލާއިން
ވެސް ވަނީ މި ބަލި ފެނިފައެވެ. އަދި ކޮންގޯގެ ވެރިރަށް ކިންޝާސާއިން ވެސް މިހާރު ވަނީ
ބަލި ޖެހިފައިވާ މީހަކު ފެނިފައެވެ.

ސިއްހީ މާހިރުން ކަންބޮޑުވާ އަނެއް ކަމަކީ، ބަލި
ފެތުރެމުންދާ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވުމެވެ.
މިއީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމުގެ
ނިޝާނެއް ކަމަށް ބެލެވެއެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ
ސަރަހައްދުތަކުގެ ސީދާ މައުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ހުރިކަން ޑަބްލިއުއެޗްއޯއިން
ފާހަގަކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮންގޯގައި މިހާރު އޮތް
ބަލިމަޑުކަމަކީ 2018 އާއި 2019 ވަނަ އަހަރު ފެތުރުނު އިބޯލާގެ ނުރައްކާތެރި ރޯގާއާ
އެއްފަދަ ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށް ބެލެވެއެވެ. އެ ސަރަހައްދުގައި އޮތް
ސަލާމަތީ ނުތަނަވަސްކަމާއި، އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރާއި، މީހުން
އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ގިނަވުމަކީ ބަލި ފެތުރުމަށް މަގުފަހިވާ ކަންކަމެވެ.
ހާއްސަކޮށް، އިބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ
ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނެތުމަކީ މި ހާލަތު އިތުރަށް ނުރައްކާވާ
ސަބަބެކެވެ.