ވ. އަތޮޅުގައި ސްކޫބާ ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރުމަށް، ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެ އަތުވެއްޖެ އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ބައެއް މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިންލޭންޑުގެ ތަޖުރިބާކާރު މި ތިން ޑައިވަރުން އާދިއްތަ ދުވަހުގެ ހެނދުނު އެމްއެންޑީއެފްގެ ބޭފުޅުންނާ ވަނީ ބައްދަލު ކޮށްފަ އެވެ. 

މި ޓީމަކީ އިނގިރޭސިވިލާތުގެ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ އިޓަލީވިލާތުގެ ސަރުކާރުން މަޝްވަރާކޮށް އެކުލަވައިލި ޓީމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެއަށް އައިސްފައިވާއިރު، މިހާދިސާއާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން މިމަހުގެ 15 ވީ ހުކުރު ދުވަހު އަމިއްލަ ތަހުގީގެއް ވެސް ވަނީ ފަށާފަ އެވެ. 

ވ. އަލިމަތާ ކައިރީގައި މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގެ ކުރިން، މޫސުމީ އިންޒާރުތަކާއި ޑައިވިންއާ ގުޅޭ ގަވާއިދުތަކަށް އިހުމާލުވެފައިވޭތޯ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ގެއްލުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ނުފެންނައިރު، ފީނާ މީހުން ވަނީ ކަނޑުގެ އަޑިން 200 ފޫޓު ފުނުގައިވާ ހޮހަޅައެއްގެ ދެ ސަރަހައްދެއް ބަލާފަ އެވެ. މިއީ ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނުމަށް ހުއްދަދޭ 100 ފޫޓުގެ ފުންމިނަށް ވުރެ ދެގުނަ އިތުރު ފުންމިނެކެވެ.

އެމްއެންޑީއެފުން އެމީހުން ހޯދުމުގެ މަސައްކަތް ފުޅާކޮށް، ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 16 ވީ ހޮނިހިރު ދުވަހު، އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރަކު ވަނީ ނިޔާވެފަ އެވެ. އަދި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން އޮތީ މެދުކަނޑާލާފަ އެވެ.

މި ހާދިސާއާ ގުޅިގެން މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރިތޯ ބަލަން، ތަހުގީގު ކުރުމަށް ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.