ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

ހުވާކުރުން ކުރިއަށް ގެންގޮސްފައިވަނީ މެއި
މަހުގެ 17 ވީ އާދިއްތަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި
އެއްވަގުތެއްގައެވެ. މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ބޭއްވި ފަސްވަނަ ދައުރުގެ
ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މި ތާރީޚު
ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ
ދަށުން، އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް
ރިޢާޔަތް ކޮށްގެންނެވެ.

ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގައި ކުރިއަށް
ގެންދިޔަ މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި
ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއެކު، އަންހެނުންގެ ތަރައްޤީއަށް
މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމުން، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވައި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މަޢުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.