ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު އާއި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަރާތުން ހަ މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމެޓީ އެއް އެކުލަވާލައްވައިފި އެވެ.

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

މި ކޮމެޓީގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިވެރި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި، އެމްޑީޕީީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.

ރައީސް ސޯލިޙްގެ ފަރާތްޕުޅުން ކޮމެޓީގައި ހިމެނޭ ދެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) އާއި، އަލިފުށީ ދާއިރާގެ މެމްބަރުން މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮމެޓީގައި ހިމެނެނީ މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވި އިސްމާއީލް ޒަރިޔަންދު އާއި، ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް އެވެ.

ތިން ރައީސުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެކުލަވާލި މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ. މި ކޮމެޓީ އިން ކުރާނެ މަސައްކަތަކީ ތިން ރައީސުންގެ ފަރާތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ މަގު ޗާޓު އެކުލަވާލުމުގެ މަސައްކަތެވެ. މިއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ތިން ރައީސުން އެކުވެގެން ފައްޓަވާފައިވާ މަސައްކަތެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުން ވަނީ ބައްދަލު ކުރައްވައި، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮުތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެއަށް ފަހު ތިން ރައީސުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއިރު، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ތިން ރައީސުން ވެސް ވަނީ ޤަރާރެއް ނެރެފަ އެވެ. މިއީ ރާއްޖޭގެ ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ. 

ހުކުރު ދުވަހުގެ ރޭގެ ބައްދަލުވުމަށް ފަހު ތިން ރައީސުން ވަނީ ސަޕޯޓަރުންނާ އެކު މަގު މައްޗަށް ވެސް ނިކުންނަވައިފަ އެވެ. ނަމަވެސް، ފުލުހުން ވަނީ ތިން ރައީސުންނަށް ވެސް ހުރަސް އަޅައި، ބާރުގެ ބޭނުން ކޮށްފަ އެވެ. 

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
Raajje.mv

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ތިން ރައީސުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ އަސާސީ ޙައްޤު ތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓު ތަކަށް ވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާ ތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހަމަ އެހެންމެ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ޙާލަތުގައި ވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވެ އެވެ.

ހަމަ އެއާ އެކު، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެކަންކަން އިސްލާޙު ކުރުމަށް ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އާއި މުދާ އަމާންކަމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން ދިވެހިން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެ އިން ފޮހެވިގެންދާ ތަން ފެންނަމުންދާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ޤައުމު ހަމަ މަގަށް އެޅުވުމަށް ތިން ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މިހާރު ޖަލު ބަންދުގައި ތިބި ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.