ހުޅުމާލެ ހިމެނޭހެން މާލެ ސިޓީގެ އިހުތިސާސް
މާލެ ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން
ހުވާކުރުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް
ބޭއްވި ރަސްމީ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވަނީ މާލެ
ސިޓީގެ އިހުތިސާސްގެ މައްސަލައިގައި ސަރުކާރަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ.
އާޒިމް ވިދާޅުވީ ގްރޭޓަރ މާލޭގެ ތަރައްޤީއާއި ހިންގުންތެރިކަން
ހަރުދަނާކުރުމަށްޓަކައި، ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސިޓީގެ އިހުތިސާސް ކައުންސިލުގެ
ދަށަށް ދޫކޮށްލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު
ވިދާޅުވީ، ޤާނޫނުގެ ދަށުން ސަރުކާރަށް ލާޒިމުކުރާ މިކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ
އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މާލެ ސިޓީގެ ހިންގުން
ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވޭނީ މުޅި
ސަރަޙައްދުގެ އިހުތިސާސް ކައުންސިލަށް ލިބިގެންކަން އާޒިމް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެބައޮތް ސަރުކާރަށް ދަންނަވާލަން ޖެހޭ، އެއީ ގްރޭޓަރ މާލޭގެ ތަރައްޤީއާއި، ތަމައްދުންއާ ހިންގުންތެރިކަމާ ބެހޭގޮތުން. މި ސަރަޙައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއް އެއީ ހުޅުމާލެވެސް ހިމެނޭ ގޮތަށް ގްރޭޓަރ މާލޭގެ އިޙްތިސާސް މާލެ ސިޓީ ކައުންސިލުގެ ދަށަށް ދޫކޮށްލައިދެއްވުން، ޤާނޫނުގެ ދަށުން ކުރަން ސަރުކާރަށް ލާޒިމުކުރާ އެކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން ވަރަށް ބޮޑަށް އެދޭ އެދުމެއް.މޭޔަރު އާދަމް އާޒިމް
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު
ތަކުލީފަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަން ފާހަގަކުރައްވައި، އެކަން ޙައްލުކުރުމަށް
ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ވެސް މޭޔަރު ވަނީ ގޮވާލައްވާފައެވެ.
އެގޮތުން މާލެއާ ގުޅިފައިވާ ސަރަޙައްދުތައް ކަމަށްވާ ގުޅީފަޅާއި، ގިރާވަރުފަޅު އަދި
އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއް
ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބްރިޖުން ގުޅާލެވޭ ސަރަޙައްދުތަކުގެ
ބިން ހިއްކުމާއި، އެ ތަންތަނުގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތްތައް ވީހާވެސް
އަވަހަކަށް ނިންމައި، މާލޭގެ ރައްޔިތުން އުފުލަމުންދާ ދިރިއުޅުމުގެ ބޮޑު ދަތިކަމަށް
ދާއިމީ ޙައްލެއް ހޯދައިދިނުމަކީ އެންމެންގެ އަމާޒަކަށް ވާންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލެއަކީ ގިނަގުނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީއަކަށް ވުމުން، މި މައްސަލަތައް
ޙައްލުކުރުމަށްޓަކައި ކައުންސިލަރުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭނެ
ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މާލޭގެ ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންތައްކަންވެސް ހަނދާންކޮށްދެން، އަދި މާލެއާ ގުޅިފައިވާ ސަރަޙައްދުތައް ހިއްކައި، އެކަން އަވަސްކޮށް، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މި މައްސަލަ އަވަހަށް ޙައްލުކޮށްދިނުމަކީ އަޅުގަނޑުމެން ސަރުކާރުގައި ވަރަށް ބޮޑަށް އެދޭ އެދުމެއް، އެގޮތުގެ މަތިން ގްރޭޓަރ މާލެ ސަރަޙައްދުގެ ގުޅީފަޅާއި، ގިރާވަރުފަޅާއި އުތުރުތިލަފަޅު، އާދެ ބްރިޖުން ގުޅާލެވޭ ސަރަޙައްދުތައް ހިއްކުން އަވަސްކޮށްދެއްވައި، އަދި ފްލެޓުގެ މަސައްކަތްތައް އަވަސް ކޮށްދެއްވައި މާލެއަށް ދިމާވެފައިވާ މިއޮއް ބޮޑު ދިރިއުޅުމުގެ ދަތިކަން ޙައްލު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާން ޖެހޭ.މޭޔަރު އާދަމް އާޒިމް
މޭޔަރު އާޒިމްގެ ވާހަކަފުޅު ނިންމަވައިލެއްވީ، މާލެ
ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ
މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އަދި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މާލެއަކީ
ދިރިއުޅެން ފަސޭހަ، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި
ކައުންސިލުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.