ދިވެހިރާއްޖޭގައި ދަރަނީގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މި މައްސަލަ ހައްލު ނުކުރެވޭ ނަމަ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.  

ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ 2008 ވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ބަލައިގަނެފައިވާ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަން ކަމަށް ފުރޮޅިގެން ދިޔަ ދިއުމާއެކު، ރައްޔިތުންގެ ތަނަވަސްކަން އެތައް ގުނައަކުން އިތުރުވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުން ފާހަގަކުރާނެ އިޖްތިމާއީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިދީފައިވާކަން. އެކަނިވެރި މައިންނަށް އެއްޗެއް ލިބޭކަން. ޔަތީމު ކުދިންނަށް އެއްޗެއް ލިބޭކަން، ނުކުޅެދޭ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭކަން. ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ދެވި ފޮތް ފަންސޫރު ގަލަން ދަރިވަރުންނަށް ހޯދައިދެވި އަދި މަތީ ތައުލީމު ވެސް ހިލޭ ދެވި އެންމެ ކުޑަ އުޖާރައެއް ވެސް އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި ކަނޑައެޅިފައި. އެތަނަވަސްކަން އަޅުގަނޑުމެންނަށް ލިބުނީ، ހޯދުނީ ޑިމޮކްރަސީގެ ވަރުގަދަ ރޫހުގައި. އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ދަރަނީގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކަންބޮޑުވާ ކަމަށާއި، ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ކަމަށްވާނަމަ މި ތަނަވަސްކަން ގެއްލި، ނިކަމެތިކަމެއްގެ ތެރެއަށް ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. 

ތަރައްގީއަށް އަލިއަޅުއްވާލައްވައި ނަޝީދު ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަަށް ގާތްގަނޑަކަށް 200 މިލިއަންނާއި، 300 މިލިއަނާ ދެމެދުގެ އަދަދަކަށް ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެތަރައްގީގެ މަޝްރޫއުތައް ނިމި، އޭގެ މަންފާ ރައްޔިތުންނަށް ލިބުމުގެ ކުރިން ލޯނު ދައްކަން ޖެހޭ ޖެހުމަށް ނަޝީދު ސުވާލު އުފެއްދެވި އެވެ. 

މިރުފިޔާ ހަރަދު ކުރީ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް، ބަނދަރު ހެދުމަށް، ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް، މަގުތައް ހެދުމަށް، އަދި އެހެންވެސް އިމާރާތްތައް އެޅުމަށް. އަހަން މިޖެހޭ ސުވާލަކީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އަޅާފައި އެ ތޮށި އޭގެ މީޓަރެއްގެ އަގަކީ 4000 ޑޮލަރު. މީޓަރެއްގެ. މި އުމްރާނީ މަސައްކަތް ކުރީމަ އޭގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަން އިތުރުވެއްޖެތޯ. މަގެއް އެޅީމަ އެ މަގަށް ހުޅުވޭ ދޮރުގެ އެގޭގެ އާއިލާއަށް އެބަ ތަނަވަސްކަމެއް ލިބޭތޯ. މިމަގު ހެދުމުގެ ލޯނު ނުވަތަ ބޭރު ތޮށި އެޅުމުގެ ލޯނު އަނބުރާ މިދެއްކެނީ ތަނަވަސްކަން އިތުރުވެ، އޭގެން އާމްދަނީ އިތުރުވެ އެ ލިބޭ އިތުރު ފައިސާގެ ތެރެއިން. އަޅުގަނޑަށް މިދިޔަ 20 އަހަރުގެ ތެރޭގައި ފާހަގަވީ އެއް ކަމަކީ އުމްރާނީ މަސައްކަތެއް ފަށައިގަންނަން އެބަ ނަގާ ދެތިން އަހަރު. އެއީ އަދި ފަށަން. އެ ހިޔާލަށް އައިސް އަދި ރައްޔިތުން އެކަމަށް އެތައް އަހަރަކު އެދިއެދި ތިބޭތާ އެތައްދުވަހަކަށް ފަހު ފަށައިގަތުމަށް އެބަ ނަގާ ދެ އަހަރެއްވަރު. މަސައްކަތެއް ނިންމުމަށް އެބަ ނަގާ 5 އަހަރު. އެ މަސައްކަތުން އާމްދަނީ އެއް ލިބުމަށް. މިދެންނެވިހެން މަގަކުން ތަނަވަސް ކަމަކަށް ބަދަލުވުމަށް އެބަ ނަގާ 7 އަހަރާއި 10 އަހަރުގެ މުއްދަތެއް. ލޯނު ދައްކަންޖެހޭ 5 ނުވަތަ 6 އަހަރުގެ ތެރޭގައި. އެހެންވީމަ ވަރަށް ބޮޑު ފަރަގެއް އެބަ އުފެދޭ. މިފަރަގު ދިވެހިރާއްޖޭގައި ވަރަށް ފުޅާ. ފުޅާވީމަ ދަރަނީގެ ކަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހަގީގަތުގައި ވަރަށް އުދަނގޫ ހޯދަން. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ދަރަންޏަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުވިސްނާ ކަމަށެވެ. މިއީ ހަރަދު ކުޑަ ކޮށްގެން ވެސް ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދަރަނި ދައްކާ ގޮތް އަލުން އެކުލަވާލައި، އައު ގޮތްތަކެއް މި ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ރާއްޖެ ބޮޑު ބަދަލާ ދިމާލަށް މިސްރާބު ޖަހަންޖެހޭ ކަމަށެވެ.