މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ
އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލުގެ
ކައުންސިލަރުން ހުވާކުރުމާއި، ޑަބްލިއުޑީސީ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރުގައި
ދެއްކެވި ވާހަކަފުޅުގައެވެ.

އާޒިމް ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ
ނިޒާމަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި، އަލަށް އިންތިޚާބުވި ކައުންސިލަރުންނާ
މުޚާތަބުކޮށް ވާހަކަދެއްކުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މީގެ އިތުރުން، މާލެއަކީ އެހެން ރަށްތަކާ ތަފާތު،
އާބާދީ އެންމެ ތޮއްޖެހިފައިވާ ސިޓީކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، މާލެ ސިޓީގެ
ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ
މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއީ އިޚްތިޔާރީ ކަމެއް ނޫންކަންވެސް
އާޒިމް ފާހަގަ ކުރެއްވިއެވެ.

 މާލެއަކީ ތަފާތު ސިޓީއެއް، މިއީ ރާއްޖޭގެ ވެރިކަން ކުރާ ރަށް، އެންމެ އާބާދީ ބޮޑު ސަރަޙައްދު، އަދި ރާއްޖޭގެ އިދާރީ މަރުކަޒު، ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

ކައުންސިލަރުންގެ އައު ދައުރު ފަށްޓަވާއިރު، އެބޭފުޅުން
ފުރުއްވާ މަޤާމުތަކުގެ މުހިންމުކަމަށް ވެސް އާޒިމް ވަނީ އަލިއަޅުވާލައްވާފައެވެ.

އާޒިމް ވިދާޅުވީ، ނިންމުންތައް ނިންމުމުގައި އިޙްތިރާމާއެކު
ޒިންމާދާރުކަން އިސްކުރެއްވުމަށް އެދޭ ކަމަށެވެ. އެގޮތުން އައު ކައުންސިލަރުންނާއި
ޑަބްލިއުޑީސީގެ މެމްބަރުންގެ ތަޞައްވުރަކަށް ވާންވާނީ ޚިދުމަތްތައް ހަރުދަނާކުރުމާއި،
މާލީ ޒިންމާދާރުކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުންކަމަށް ވެސް
އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެތެރޭގެ އޮޑިޓް ރިޕޯޓުތަކަކީ މުހިންމު
އެއްޗެއްކަމުގައި ދެކިވަޑައިގަންނަވައި، އެއީ ފާޑުކިޔުމެއް ކަމުގައި ނުބެލުމަށް ވެސް
އާޒިމް އެދިލެއްވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އަންހެނުންގެ ތަރައްޤީއަށް
މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ މެންބަރުންނަށް ވެސް ސިޔާސަތު ކަނޑައެޅުމުގެ
މަރުޙަލާގައި ބައިވެރިވުމުގެ ފުރުޞަތު ދޭންޖެހެއެވެ.

މީގެ އިތުރުން، ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް
އިސްކަންދޭންވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު، ކައުންސިލްގެ އިދާރީ އޮނިގަނޑަށް
އިޙްތިރާމްކުރަންވާނެކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އަލަށް އިންތިޚާބުވި
ކައުންސިލަރުންނަށް ކާމިޔާބީއާ ހަމައަށް ވާޞިލްވެވޭނީ މި ދެންނެވި ކަންކަމަށް ރިޢާޔަތްކޮށްގެން
ކަމަށެވެ.